ހއ. ދިއްދޫ މޮނީޓަރިން ހާލަތުން ނަގައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާއްމު ސިއްހަތުގެ ރައްކާތެރިކުރުމުގެ ގާނޫނު ގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށްފަހު، މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.

ދިއްދޫ މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ މެއި މަހުގެ ފުރަތަމަ ދުވަހުއެވެ.

ދިއްދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، ކޮވިޑުގެ އަލާމާތްތަކެއް ހުރެގެން އެރަށު ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އެރަށުގައި ޕޮޒިޓިވް ކޭސްތައް ގިނަ ވުމާ ގުޅިގެން މިދިޔަ މަހު 15ގައި ގިނަ ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

އެގޮތުން ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން 06:00 އަށް އަދި ރޭގަނޑު 09:30 އިން ހެނދުނު 06:00 އަށް މަގުމައްޗަށް ނިކުތުމާއި ބޭރުގައި އުޅުމަށް ވަނީ މަނާކޮށްފައެވެ. އަދި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ އޭރު މަނާކޮށްފައެވެ.

އޭގެ އިތުރުން އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުންވެސް ވަނީ މަނާކޮށްފައެވެ. އަދި ސެލޫންތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދުކުރަން އަންގައި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުންވެސް ހުއްޓާލަން އެޗްޕީއޭއިން ވަނީ އަންގައިފައެވެ.

ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުމަށާއި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އަންގައިފައެވެ.