ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޓް ކުރަމުން އަންނަ އެންމެ ވަރުގަދަ ކުންފުނިތަކުން ނުވަތަ މަލްޓިނޭޝަނަލް ކޯޕަރޭޝަން (އެމްއެންސީ) ތަކުން، ބޯޑަރު ހުރަސްކޮށް ޓެކްސް ދެއްކުމުގައި ހުރީ ފޫނުބެދޭ ކަންކަން އިސްލާހުކޮށް، އެފަދަ ކުންފުނިތަކުން ޓެކްސް ނަގާ އުސޫލަށް، ދުނިޔޭގެ އެންމެ މުއްސަނދި 7 ގައުމުގެ ގުޅިފައިވާ އިއްތިހާދު (ޖީ-7) އިން އެއްބަސްވެއްޖެއެވެ.

ޖީ-7ގެ މެންބަރުން ވަނީ، ބައިނަލްއަގުވާމީ ކޯޕަރޭޝަން ޓެކްސް ރޭޓްގެ އެންމެ ދަށް މިންވަރު ކަމުގައި 15 ޕަސެންޓްގެ ރޭޓަށް އެއްބަސްވެ، ބޮޑެތި ކުންފުނިތަކުން އޮޕަރޭޓް ކުރާ ގައުމުތަކުން އެ އަދަދަށް ޓެކްސް ނެގުމަށް އެއްބަސްވުމަކަށް އައިސްފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިނގިރޭސި މާލީ ވަޒީރު ރިޝީ ސުނާކް ވިދާޅުވީ، ބަވަނަ ވެފައިވާ ޑިޖިޓަލް ޒަމާނަށް އަހުލުވެރިވެފައިވާ އުސޫލަކުން، ބައިނަލްއަގުވާމީ ޓެކްސްގެ ނިޒާމު އިސްލާހު ކުރުމަށް، ޖީ-7ގެ މެންބަރުން، ތާރީހީ އެއްބަސްވުމަކަށް އައިސްފައި ވާ ކަމަށެވެ.

މި އިސްލާހީ ބަދަލަކީ، ގައުމުތަކުން އިންތިހާއަށް ޓެކްސް ކުޑަކޮށްގެން ބޮޑެތި ކުންފުނިތައް ހޯދުމަށް ހިންގަމުން އައި ޓެކްސްގެ އުސޫލު އުވާލާނެ އިސްލާހެކެވެ. މިހާރު އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން، ގައުމުތަކުގައި ހިންގާ އާންމު ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހެއެވެ.

ގޫގްލް، އެމޭޒަން އަދި ފޭސްބުކް ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ޓެކްސް އަތުލާނެ ގޮތަކާ މެދު، މުއްސަނދި ގައުމުތަކުން ވިސްނާ، އެކަމަށް މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. މިފަދަ ކުންފުނިތަކަކީ ގިނަ ފަހަރަށް، މި ގައުމުތަކަށް ކުޑަ ޓެކުހެއް ނުވަތަ އެއްވެސް ވަރެއްގެ ޓެކުހެއް ނުދައްކާ އުޅޭ ކުންފުނިތަކެކެވެ.

ޖީ-7ގެ މެންބަރު ގައުމުތަކަކީ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ކެނެޑާ، އިޓަލީ އަދި ޖަޕާނެވެ. މި ގައުމުތަކުން ނިންމި ނިންމުމާއެކު، ބައިނަލްއަގުވާމީ ޓެކްސް އުސޫލަށް ބަދަލު ގެނައުމުގެ ޕްރެޝަރު، ޖީ-20ގެ ގައުމުތަކަށް ބޮޑުވާނެ ކަމަށް ބެލެވެއެވެ. ޖީ-20ގެ މެންބަރުންގެ ތެރޭގައި، ޗައިނާ، ރަޝިއާ އަދި ބްރެޒީލް ހިމެނެއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި އޮޕަރޭޓް ކުރާ ބޮޑެތި ކުންފުނިތަކުން ވަނީ ޖީ-7ގެ ނިންމުމަށް މަރުހަބާ ކިއާކަން ހާމަކޮށްފައެވެ.