36 ޖަޒީރާއެއްގެ މައްޗަށް އެކުލެވޭ ލަކްޝަދީބަކީ އިސްތިރާޖީ ގޮތުންނާއި ތިމާވެށީގެ ގޮތުން އިންޑިއާއަށް މުހިންމު، އަދި ހާއްސަ މަންޒިލެކެވެ. ނަމަވެސް މިއީ ހަބަރަކުން މަދުން ނޫނީ އެ ތަނެއްގެ އަޑު ނީވޭ މަންޒިލެކެވެ.

ރަހުމަތްތެރިންގެ ލިސްޓު ދިގުކޮށް، ޒަމާންވީ އަދުއްވުގެ ގޮތުގައި އޮތް ޗައިނާގެ މައްޗަށް ނުފޫޒު ފޯރުވާނެ ބާރުތައް އިތުރު ކުރުމަށް އިންޑިއާގެ ހިންދޫ ނޭޝަނަލިސްޓު ބާރުތިޔާ ޖަނާތާ ޕާޓީގެ ސަރުކާރުން ފޫގަޅާފައި އޮތްއިރު، އިންޑިއާގެ އިއްތިހާދީ ޓެރިޓަރީއެއްގެ ގޮތުގައި، އޮތް އިސްތިރާޖީ ބާރުވެރި ލަކްޝަދީބަށް ފުރައްސާރަ ކުރަނީ ކީއްވެ ހެއްޔެވެ؟

މިއީ މިފަހަކަށް އައިސް އިންޑިއާގެ މަސްރަހުން ލިބެމުންދާ ހަބަރުތަކާއެކު ހިތުގައި އުފެދޭ ބޮޑު ސުވާލެކެވެ. ހިންދޫ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރަށް ފާޑުކިއާ ފަރާތްތަކުންވެސް ކުރިމަތި ކުރާ ވަރުގަދަ ސުވާލެކެވެ.

އިންޑިއާގެ 8 ޔޫނިއަން ޓެރިޓަރީގެ ތެރެއިން އެންމެ ކުޑަ ސަރަހައްދުގެ ގޮތުގައި އޮތް ލަކްޝަދީބު / ފޮޓޯ: ޓްރެވެލް އިންޑިއާ

އިންޑިއާގެ ވެރިކަން ކުރާ ނިއުދިއްލީއިން އިދާރީ ގޮތުން ބަލަހައްޓަމުން އަންނަ ސަރަހައްދުތަކުގެ ތެރެއިން އެންމެ ކުޑަ ސަރަހައްދުގެ ގޮތުގައި އޮތް ލަކްޝަދީބަކީ، މުސްލިމުންގެ މެޖޯރިޓީ އެންމެ ބޮޑު ސަރަހައްދުވެސް މެއެވެ. ކެރެލާ ސްޓޭޓުގެ ހުޅަނގު ދެކުނު އައްސޭރިފަށުން އެންމެ 300 ކިލޯމީޓަރު ބޭރުގައި އޮތް ލަކްޝަދީބުގެ އާބާދީގެ 97 ޕަސެންޓަކީ މުސްލިމުންނެވެ. އެބައެއްގެ ދެމި އޮތުން ހަޖަމް ކުރުމަށް ހިންދޫންނަށް އެންމެ ދަތި އާބާދީއެވެ.

ލަކްޝަދީބުގައި މީހުން ވަޒަންވެރިވެ އުޅެނީ 10 ވަރަކަށް ރަށުގައި ކަމަށް ވާއިރު، އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ މާ ބޮޑު ހަރަކާތްތަކެއް ނުހިނގައެވެ. ނުވިތާކަށް، އެއީ ބިދޭސީންނަށް ބީރައްޓެހި މަންޒިލެކެވެ. މަދު ބަޔަކަށް ނޫނީ ދިވެހިންގެ ތެރެއިންވެސް ލަކްޝަދީބަށް ދެވުނު ބަޔަކު ނެތެވެ.

ކަން މިހެން އޮތް ނަމަވެސް، ވެރިކަން ކުރާ ބީޖޭޕީއިން ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރު ކަމުގެ މަގާމަށް، މޯދީގެ އަރިސް ފްރާފުލް ހޯދާ ޕަޓޭލް އިސްކުރެވުނު ހިސާބުން، މީޑިއާގެ އެކި ސުރުހީތަކުން ލަކްޝަދީބުގެ ނަން، ޖާގަ ހޯދަން ފެށިއެވެ. މިދިޔަ ޑިސެންބަރުން ފެށިގެން، ލަކްޝަދީބުގެ ނަން، ހަބަރުތަކުގެ ސުރުހީތަކުން ޖާގަ ހޯދަމުން ގޮސް، މި ޖޫން މަހަށް ފެށުނުއިރު، ލަކްޝަދީބޭ ކިއާ އަޑު ގަދަވެއްޖެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ޕަޓޭލް ތައާރަފުކޮށް، ތަންފީޒު ކުރަން އުޅޭ ގާނޫނީ ބަދަލުތަކުގެ ސަބަބުންނެވެ. މި ބަދަލުތަކަކީ ހަމަ ރަނގަޅަށްވެސް، ހިންދޫންގެ ނުފޫޒު، ލަކްޝަދީބަށް ގަދަ ކުރުމަށް ގެންނަ ބަދަލުތަކެކެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (މ) ލަކްޝަދީބުގައި / ފޮޓޯ: ވިކިމީޑިއާ ކޮމަންސް

ގެރިމަހާއި ގެރިމަހާ ގުޅޭ ހުރިހާ ވިޔަފާރިއެއް މަނާ ކޮށް، އެފަދަ ކަމެއްގައި ބައިވެރިވާ މީހެއްގެ މައްޗަށް ޖަލު ހުކުމް އިއްވަން ރާވާފައި ވާއިރު، ފަތުރުވެރިކަން ކުރިއެރުވުމަށް ކަމަށް ބުނެ ވެއްޓަށް ގެއްލުން ދެނިވި ތަރައްގީއާއި، ބިންވެރިންގެ ހައްގު ނިގުޅައި ގަތުމުގެ ޖަރީމާ ހިންގަން ވަނީ ގައިޑްލައިން އެކުލަވާލާފައެވެ. އަދި އެވަރުން ނިމޭކަށް ނެތެވެ. މުސްލިމުންގެ މެޖޯރިޓީ އޮތް ބިމެއްގައި، ރާ ހަލާލު ކުރުމަށްވެސް ޕަޓޭލް ވަނީ އަމާޒު ހިފާފައެވެ.

65000 އެއްހާ ވަޒަންވެރިން ތިބި ލަކްޝަދީބުގެ އަހުލުވެރިންނަށްވެސް މި ބަދަލުތަކަކީ އިންޒާރުގެ ރަނގަބީލެކެވެ. އެ މީހުންވެސް މިކަމާ ދެކޮޅު ހަދައެވެ.

ޖިއޮގްރަފީ ގޮތުން ލަކްޝަދީބު އުފެދިފައި އޮތީ، އަރަބި ކަނޑުގެ އުތުރުގެ ސަރަހައްދަށް އިންޑިއާގެ އިންތިހާ ނުފޫޒު ފޯރުވޭ ފަދަ ގޮތަކަށެވެ. މޯދީގެ ސަރުކާރަށް އެކަން އޮޅިފައި ނެތްކަން އަންގައި ދެނީ، ލަކްޝަދީބުގައި ހިންގާ އަސްކަރީ ބޭހުގެ ސަބަބުންނެވެ. ޕެޓްރޯލް ބޯޓުފަހަރުވެސް އެސަރަހައްދުގައި އޮޕަރޭޓް ކުރުމާއެކު، ލަކްޝަދީބަކީ ސަރުކާރަށް މުހިންމު މަންޒިލެއްކަން ދޭހަކޮށްދެއެވެ.

ތަފާތު އެކި މަންފާތައް ހާސިލު ކުރުމަށްޓަކާ، ކަނޑުމަގުގެ ގުޅުންތައް ވަރުގަދަ ކުރުމަކީ އިންޑިއާއަށް މުހިންމު ކަމެކެވެ. މިފަދަ އެއް ބޭނުމަކީ މެދުއިރުމަތިން އަންނަ ތެލުގެ ސަޕްލައި ކޮންޓްރޯލްކޮށް، ކަށަވަރު ކުރުމެވެ. ދެން އޮތީ ޗައިނާގެ ވާހަކައެވެ. ޗައިނާއިން އިންޑިއާ ކަނޑަށް އަތްގަދަ ކުރާ ކަމުގެ ޝަކުވާއަކީ މޯދީގެ ސަރުކާރުގެ އާންމު ގޮވެލިފައްޗެކެވެ. ވީއިރު، ފަތުރުވެރިކަން ހުއްޖަތަކަށް ހަދައިގެން، ބީޖޭޕޭއިން ގެންގުޅޭއް ސިއްރު އެޖެންޑާއަކީ، ލަކްޝަދީބުގެ ޖަޒީރާއަށް އިތުރު ބާރާއި ނުފޫޒު ފޯރުވުން ކަމަށް ބުނުމުގެ ޖަގަ އިތުރަށް ތަނަވަސްވޭ ނޫންތޯއެވެ. ފަތުރުވެރިކަމަށް ލަކްޝަދީބު ހުޅުވާލުމާއެކު ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރަން ޖެހޭނެއެވެ. މިއާއެކު ލަކްޝަދީބުގައި އިތުރު އަސްކަރީ ބާރުތައް ރުކުރުވާލުމަށް ދައްކާނެ އިތުރު ހުއްޖަތެއް މޯދީގެ ސަރުކާރަށް ލިބުނީއެވެ.

އިންޑިއާގެ 8 ޔޫނިއަން ޓެރިޓަރީގެ ތެރެއިން އެންމެ ކުޑަ ސަރަހައްދުގެ ގޮތުގައި އޮތް ލަކްޝަދީބުގެ އާންމުން / ފޮޓޯ: އިންޑިއަންއެކްސްޕްރެސް

ތަރައްގީގެ ހުއްޖަތަކަށް ޕަޓޭލް ހައްދަވަނީ ދިވެހިރާއްޖެއެވެ. މިސާލު ޖައްސަވަނީވެސް ދިވެހިރާއްޖޭގެ ނަމުންނެވެ. އިންޑިއާގެ ދުވަހު ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައިވެސް އޭނާ ވަނީ ސާދާ އިބާރާތުން އެކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އޭނާގެ އަމާޒަކީ ދިވެހިރާއްޖެ ފަދައިން، ފަތުރުވެރިކަމުގެ ފަޒާގެ އުހުގައި ފިޔަޖަހާ މަންޒިލަކަށް ލަކްޝަވަދީޕު ހެދުން ކަމަށް ވަނީ ވިދާޅުވެފައެވެ.

ދިވެހިންނާ ތާރީހީ ގުޅުމެއް އޮތް އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެއް ކަމަށްވާ ލަކްޝަދީބަށް ތަރައްގީ ގެނައުމުގެ ނަމުގައި ތަންފީޒު ކުރަން މަސައްކަތް ކުރާ ގާނޫނީ ބަދަލުތަކަކީ، ރައްޔިތުންނާ މަޝްވަރާ ނުކޮށް ނުގެންނާނެ ބަދަލުތަކެއް ކަމުގެ ޔަގީންކަން، ޔޫނިއަން ހޯމް މިނިސްޓަރު، އަމީތު ޝާހް ވަނީ ދެއްވާފައެވެ.

ޕްރާފުލް ހޮދާ ޕަޓޭލް އާ ދެކޮޅު އިހުތިޖާޖެއްގެ ތެރެއިން / ފޮޓޯ:ޓީއޯއައި

ތަރައްގީގެ ނަމުގައި ބީޖޭޕީ ސަރުކާރުގެ ނުފޫޒުން ތަންފީޒު ކުރަން އުޅޭ ގާނޫނީ ބަދަލާއެކު، ލަކްޝަދީބުގެ ކައުންސިލްތަކަށް އިންތިހާބު ކޮށްފައިވާ އާންމު މެންބަރުންގެ ބާރު ކެނޑިގެންދާނެއެވެ. އެގޮތުން ދަނޑުވެރިކަމާ، ތައުލީމާ، ސިއްހީ އަދި މަސްވެރިކަމާ ގުޅޭ އާންމު ދިރިއުޅުމުގެ އަސާސީ ކަންކަމުގައި ގޮތް ކިއުމުގެ ބާރު، ކައުންސިލް މެންބަރުންނަށް ގެއްލިގެންދާނެއެވެ.

މި ހުރިހާ ކަމެއް މިހެން ހުރިއިރު، ލަކްޝަދީބަކީ އިސްތިރާޖީ ގޮތުން އިންޑިއާގެ ސަރުކާރަށް ކިހާ މުހިންމު މަންޒިލެއްކަން އިންޑިއާގެ ދުރުވިސްނޭ ސަރުކާރަށް ހަމަ ހަގީގަތުގައިވެސް ނޭނގެނީ ހެއްޔެވެ. ނޫނީ ނަސްލެއް ދޮވެލުމުގެ ކުޅިގަނޑެއް ކުޅެނީ ހެއްޔެވެ؟