ނޫސްވެރިންގެ ރެކޯޑްތައް ސިއްރިއްޔާތުގައި އެއްކުރުމުގެ މަސައްކަތް ދެން ކުރިއަކަށް ނުގެންދާނެ ކަމަށް، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފިއެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިހެން ބުނެފައި މި ވަނީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި، ނޫސްވެރިންގެ ފޯނާއި އީ-މެއިލް ރެކޯޑްތައް އެއްކުރުމުގެ މަސައްކަތް ސިއްރުން ކުރިއަށް ގެންގޮސްފައި ވާ ކަން ފަޅާ އަރާ، އެ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މި އުސޫލުން ނޫސްވެރިންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދާނެ ކަން، ޖަސްޓިސް ޑިޕާޓްމަންޓްގެ ތަރުޖަމާނު، އެނަތަނީ ކޯލޭ އާންމު ކުރެއްވި ބަޔާނެއްގައި ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ޖަސްޓިސް ޑިޕާޓްމަންޓަކީ ނޫސްވެރިކަމުގެ މިނިވަންކަމާ، ނޫސްވެރިންނަށް ލިބިދީފައިވާ މިނިވަންކަމުގެ ހައްގު، އޭގެ އެންމެ އިންތިހާއަށް ބަލައިގަންނަ ވުޒާރާއެއް ކަމަށްވެސް ކޯލޭގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ޓްރަމްޕްގެ އިތުރުން، އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންވެސް، ނޫސްވެރިންގެ ރެކޯޑް އެއްކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް، އެމެރިކާގެ މަގުބޫލު ނިއުޔޯކް ޓައިމްސްއިން ވަނީ މިދިޔަ ހުކުރު ދުވަހު ރިޕޯޓް ކޮށްފައެވެ.

ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގެ ފަހު ދުވަސްކޮޅު، ޝަރުއީ އިމުގެ ތެރެއިން، ނޫސްވެރިންގެ ރެކޯޑް އެއްކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ނޫސްވެރިންތަކެއްގެ އީ-މެއިލް ލޮގް ހޯދުމަށް ކޯޓު މެދުވެރިކޮށް މަސައްކަތް ކުރިއަށް ގެންދިޔައިރު، އެކަމުގެ ސަބަބުން، ނޫސްވެރިންގެ މަސްދަރުތައް ހާމަ ވާނެ ކަމަށްވެސް ނިއުޔޯކް ޓައިމްސް ވަނީ ރިޕޯޓް ކޮށްފައެވެ.

ބައިޑަންގެ ސަރުކާރުންވެސް އެކަން ކުރިއަށް ގެންގޮސްފައި ވާއިރު، މި މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ، އާންމުކޮށް ނެނގޭނެހެން ސިއްރިއްޔާތުގައި ކަމަށްވެސް ވަނީ ތުހުމަތު ކޮށްފައެވެ. ކަން މިހެން އޮތް އިރު، ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވަނީ، ހުކުރު ދުވަހާ ހަމައަށްވެސް، އެ ފަދަ ކަމެއްގެ މައުލޫމާތު، ވައިޓްހައުސްގެ އެއްވެސް މެންބަރަކަށް އެނގިފައި ނުވާކަމަށް ވިދާޅުވެފައެވެ.

މަސްދަރު ހިމާޔަތް ކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސްތަކުގެ ތެރެއިން، ނޫސްވެރިންނަށް ލިބިދީފައި އޮންނަ އިމްތިޔާޒީ ހައްގެކެވެ. ނަމަވެސް، ގިނަ ސަރުކާރުތަކަކުން މި ހައްގަށް އަރައިގަތުމަށް މަސައްކަތް ކުރާ ކަމުގެ ރިޕޯޓްތައް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ސިލްސިލާ ގޮތެއްގައި ދަނީ ކުރަމުންނެވެ.