ބައިނަލްއަގުވާމީ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް މަހުން މަހަށް އަންނަ ބަދަލުތަކަށް ބަލާއިރު، ފާއިތުވީ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައިވެސް ނުފެންނަހާ ހަލުވި ދުވެއްޔެއްގައި މި އަގުތައް އުފުލިފައި ވާ ކަމަށް، އދ އިން ބުނެފިއެވެ.

އދ އިން ބުނާ ގޮތުގައި ފާއިތުވީ 12 މަސްދުވަހުގެ ތެރޭގައިވެސް ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ވަނީ އުފުލެމުން ގޮސްފައެވެ.

ކާބޯތަކެތި އުފެއްދުމަށް ހުރަސްތަކެއް ކުރިމަތިވުމާ، މަސައްކަތްތެރިންގެ އަދަދުގެ އިތުރުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި މުދާ އުފުލުމަށް ކުރިމަތިވި މައްސަލަތަކުގެ ސަބަބުން، ކާބޯތަކެތީގެ ސަޕްލަޔަރުންނަށް ބޮޑު އަސަރެއް ފޯރާފައިވެއެވެ.

މިއާއެކު ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގެ ކަންބޮޑުވުން އުފެދި، ދުނިޔޭގެ އިގުތިސޯދު ހެޔޮފާލަކަށް އެޅެން އޮތް ފުރުސަތާ މެދުގައިވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

ކާބޯތަކެއްޗާ ބެހޭ އދގެ އިދާރާ (އެފްއޭއޯ)އިން ބައިނަލްއަގުވާމީ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ހުރި ނެތް ގޮތް ވަޒަން ކުރުމުގައި އާންމުކޮށް ބަލާ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ އެކި ކަހަލަ ސީރިއަލްތަކާ، އޮށުގެ ބާވަތްތަކުގެ އިތުރުން ކިރުގެ އުފެއްދުންތަކާ، އެއްގަމު މަހާ، ހަކުރު ފަދަ ބާވަތްތައް ހިމެނެއެވެ.

ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލިފައި ވާ ގޮތަށް ބަލާއިރު ނިމިދިޔަ މެއި މަހު، 39.7 ޕަސެންޓްގެ އިތުރުވުމެއް ވަނީ ރެކޯޑް ކޮށްފައެވެ. މިއީ އޮކްޓޯބަރު 2010 އަށް ފަހު، މަހުން މަހަށް މިއަދަދު އިތުރުވީ އެންމެ ބޮޑު ނިސްބަތެވެ.

އަގުތައް ހިސާބު ކުރުމަށް ބޭނުން ކުރާ 5 މާއްދާގެ އަގުތައް އުފުލިފައިވެއެވެ. ކަން މިހެން އޮތްއިރު ޑިމާންޑް އިތުރުވަމުން ދިއުމާ، ސަޕްލައި ދަށްވުމުގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް ތަނުގައިވެސް އަގުތައް އުފުލެމުން ދާނެ ކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރު ކުރައްވާފައެވެ.