ޔަހޫދީ އިޒްރޭލުގެ ސަރުކާރު ހިންގަން ތިބި ވެރިން ބަދަލުވި ކަމުގައި ވީ ނަމަވެސް، އެކަމުގެ ސަބަބުން ބަދަލުވާނެ މާ ބޮޑު ކަމެއް އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ފަލަސްތީނުގެ ރައްޔިތުން ބުނަން ފަށައިފިއެވެ.

ހުދުމުހުތާރު ބޮޑުވަޒީރު، ބެންޖަމީން ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަމުގައި ސިއްކަ ޖަހާ، އިޒްރޭލުގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން އިއްތިހާދު އެކުލަވާ، ގުޅިފައިވާ ސަރުކާރަކަށް ތައްޔާރުވެފައި ވީ ނަމަވެސް، ނަތަންޔާހޫގެ ބަދަލުގައި ބޮޑުވަޒީރު ކަމާ ދެން ހަވާލުވާ ނަފްތާލީ ބެނެޓްއަކީވެސް ކަނާތު ފިޔައިގެ އެޖެންޑާ ކުރިއަށް ގެންދާނެ ލީޑަރެއް ކަމަށް، އިޒްރޭލުގެ އުދުވާންތަކުގެ ހިތިކަން ތަޖުރިބާ ކުރަމުން އަންނަ ގައްޒާއާއި ހުޅަނގު އައްސޭރީގެ ރައްޔިތުން ބުނެއެވެ.

އުމުރުން 49 އަހަރުގެ ނަފްތާލީ ބެނެޓްއަކީ ހުޅަނގު އައްސޭރީގައި އިޒްރޭލުން ވަޒަންވެރި ކުރުވުމަށް ހަރަކާތްތެރިވާ ޖަމިއްޔާއެއްގެ އިސްވެރިޔާގެ މަގާމު، މީގެ ކުރިން އަދާ ކޮށްފައި ވާ މީހެކެވެ. މީގެ އިތުރުން ބެނެޓްއަކީ، ނަތަންޔާހޫގެ އަރިސް މީހެއްގެ ގޮތުގައިވެސް މީގެ ކުރިން ފެނިފައިވާ މީހެއްކަން ހަނދާން ނައްތާލެވޭކަށް ނެތެވެ.

ޕަލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ މަންދޫބެއް ކަމަށްވާ ބައްސާމް އަލް-ސޯލިހީ ވިދާޅުވީ، ބޮޑުވަޒީރު ކަމާ ދެން ހަވާލުވާން ހުރި މީހާއަކީވެސް، "ހައްދު ފަހަނައަޅާ ދިއުމުގައި" ނަތަންޔާހޫ އަށް "ދޫކުރާނެ" މީހެއް ނޫން ކަމަށެވެ.

ބެނެޓްއަކީ 1967 ވަނަ އަހަރުގެ ހަނގުރާމައަށްފަހު އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް ހިސޯރު ކުރުމުގެ ފިކުރަށް އިންތިހާއަށް ވަކާލާތު ކުރަމުން ދިޔަ މީހެކެވެ.

ގައްޒާ ކޮންޓްރޯލް ކުރަމުން އަންނަ ހަމާސް ޖަމާއަތުންވެސް ވަނީ އިޒްރޭލުގެ ވެރިކަން ކުރަން ހުރި މީހަކު ބަދަލުވަމުން، މަސްރަހަށް ބަދަލު އަންނާނެ ކަމަށް ނުބެލެވޭ ކަމަށް ބުނެފައެވެ.

ހަމާސްގެ ތަރުޖަމާނު، ހާޒިމް ގައްސާމް ސިފަ ކުރި ގޮތުގައި އިޒްރޭލުގެ އެތައް ސަރުކާރެއް ފަލަސްތީނުގެ ރައްޔިތުން ދެކެފިއެވެ. ނަމަވެސް އެއިން ކޮންމެ ސަރުކާރަކީވެސް ފަލަސްތީނުގެ ހައްގުތަކާ ދެކޮޅު ފިކުރުގެ ބައެއް ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ. ގައްޒާގެ މަސައްކަތްތެރިންގެ ފިކުރަކީވެސް މިއީއެވެ. އެގޮތުން އިޒްރޭލުގެ އެއް ލީޑަރާއި އަނެއް ލީޑަރާ ދެމެދު ތަފާތެއް ނުހުންނަ ކަމަށް ގައްޒާގެ ސަރުކާރުގައި މަސައްކަތް ކުރަމުން އަންނަ އަހުމަދު ރާޒިގުވެސް ވަނީ ފާހަގަ ކޮށްފައެވެ.

އިޒްރޭލުގައި އެކުލަވާލި ކޯލިޝަން އެއްބަސްވުން ބުނާ ގޮތުގައި، އިއްތިހާދީ ސަރުކާރުގައި ފުރަތަމަ ބޮޑުވަޒީރު ކަން ކުރާނީ ކަނާތު ފިޔައިގެ ޔަމީނާ ޕާޓީގެ ލީޑަރު، ނަފްތާލީ ބެނެޓްއެވެ. އޭގެ ފަހުން ޔެޝް އެތީޑް ޕާޓީގެ ލީޑަރު ޔެއީރު ލެޕީޑްއެވެ. އިއްތިހާދުގައި، އަރަބި އިސްލާމީ ރާމް ޕާޓީގެ ލީޑަރު މަންސޫރު އައްބާސްވެސް ބައިވެރިވެވަޑައިގަތެވެ.

އިޒްރޭލުގެ އާ ސަރުކާރަށް ހުވާ ކުރެވެން އަންނަނީ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ލިބިގެންނެވެ.

އިޒްރޭލުގައި އެކުލަވާލި އިއްތިހާދީ އާ ސަރުކާރަކީ، މި ގަރުނުގެ އެންމެ ބޮޑު އޮޅުވާލުން ކަމަށް ނަތަންޔާހޫ ދަނީ ސިފަކުރަމުންނެވެ.