ވައްކަން ކުރުމުން ވަގަށް ގޮވޭ ހަމާގައި އިސްލާމް ދީނާ ހިލާފް ވުމުން ލާދީނީ ކަމަށް ބުނެވެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ ލާދީނީ ގޮވުން، އަނގަހުތުރު ވުން، ނަމުގައި އާންމު ކުރެއްވި ލިޔުމެއްގައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އެތައް ބައެއްގެ ނަޒަރުގައި ވަކި މީހަކީ "ލާދީނީ" މީހެއް ކަމަށް ބުނެވެން ޖެހޭ ކަމަށެވެ.

ހާއްސަ ގޮތެއްގައި އެމީހާއަކީ އެހެން މީހެއްގެ ނަޒަރުގައި އިސްލާމް ދީނުގެ އުސޫލްތަކާއި ހިލާފަށް އުޅޭ މީހެއް ނަމަ އެހެން ބުނެވެން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް އަލިއަޅުވާލައްވާ ރައީސް ނަޝީދު ލިޔުއްވާފައި ވަނީ އެވަގުތުގައި އެމަނިކުފާނުގެ ހިތްޕުޅަށާއި ދޫފުޅުން ވިދާޅުވަމުން ގެންދެވުނު ބަސްތަކަކީ ޝަހާދަތުގެ ދެކަލިމައިގެ ބަސްތައް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ނަސީބު ގަދައީ ކަމަށާއި، މިފަދަ ސާދާ ގޮތުގައި އީމާންތެރިކަން އިހުނަށްވުރެ ވަރުގަދަ ވުމަށް މާތް ﷲ އަނެއްކާވެސް މެދުވެރި ކުރެއްވީ ކަމަށެވެ.

އެހެން ނަމަވެސް އަޅުގަނޑަކީވެސް ލާދީނީ މީހެއްކަމަށް ބުނުމުގެ ހައްގު އެހެން މީހުނަށް އޮންނާން ޖެހޭނެ ކަމަށް އެތައް ބަޔަކު އެބަދެކެއެވެ. މި މައްސަލާގައި އަޅުގަނޑު ދެކޭގޮތް އެހާ މުހިންމެއް ނޫނެވެ. އަޅުގަނޑަކީ ކަނޑައެޅިގެން އިސްލާމެއް ކަމަށް އަޅުގަޑުދެކި ހުރިއިރު، އަޅުގަނޑަކީ ލާދީނީ މީހެއް ކަމަށް ބުނުމަށް އަޅުގަނޑަކު ނުއެދޭނެ ތާއެވެ.
މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމާއި، އިސްލާމް ދީނާއި ހިލާފަށް މި ދައުލަތުގައި އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ވަރަށް ސާފު އިބާރާތުން ގާނޫނު އަސާސީގައި ބަޔާން ކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ހުކޫމަތު ބިނާވެފައި ވަނީ އިސްލާމް ދީނުގެ އަސްލު ތަކާއި ހަމަތަކުގެ މަތީގައެވެ. މީހަކު ލާދީނީ ވެއްޖެ ނަމަ، އެމީހެއްގެ މައްޗަށް ދިވެހި ގާނޫނު ހިންގޭނެއެވެ. އަދި އަބަދުވެސް ހިންގައެވެ. އިސްލާމް ދީނުގެ ދިފާއުގައި ތެދުވަނީ ދިވެހި ދައުލަތެވެ. މި ދައުލަތް ރޭވި ފައިވާ ގޮތުގައި ދިވެހިދައުލަތުގެ ފަރާތުން ވަކި ފަރުދުންކުރާންޖެހޭ ކަންތައްތަކެއް ހުރެއެވެ.
މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ވަކި މީހަކީ ލާދީނީ މީހެއްކަމަށް ބުނުމަކީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރުން ކަމަށެވެ. އެމައްޗައް ޖިނާއީ ދައުވާ އުފުލޭނެ ސަބަބެއް ކަމަށާއި އެއްވެސް ދިވެހި ރައްޔަތެއްގެ އެނގުމާއި ފެނުމުގެ ތެރެއިން، އެހެން އެއްވެސް މީހެއް ގާނޫނާ ހިލާފު ވާނަމަ، އެ ރައްޔިތެއްގެ ވާޖިބަކީ، އެކަމެއް ދިވެހި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް އެންގުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިސްލާމް ދީނާއި ދައުލަތުގެ ދިފާއުގައި ހަރަކާތްތެރި ވާނީ ވަކި ފަރުދެއް ނޫން ކަމަށާއި ދައުލަތުގެ އިދާރާ ތަކާއި ވުޒާރާތައް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ތިމަންނާއީ ދައުލަތް ކަމަށް ދެކުމުގެ ޖާގަ އެއް ނެތް ކަމަށާއި އޮޅުމެއްގެ ގޮތުގައި، "ލާދީނީ" ކަމަށް އެހެން މީހަކާ ދިމާއަށް ބުނުމަކީ އެހެން މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ބުނާ ބުނުމެއް ކަމަށެވެ. އަދި އަނެކާ އަކީ ގޯސް މީހެއްގެ ގޮތުގައި ދެއްކުމަށް ބުނާ ބުނުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.