އަވަށްޓެރި ސްރީލަންކާގެ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނަގއިގެން ފެތެމުންދާ މުދާ އުފުލާ ބޯޓު، އެކްސް-ޕްރެސް ޕާލްގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް އަސަރު ކުރޭތޯ ބަލަމުންދާ ކަމަށް އެންވާރަމްންޓް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ އެޖެންސީން ބުނީ، މި ހާދިސާ އާ ގުޅިގެން ރާއްޖޭގެ ކޯސްޓްގާޑާއި އެ ޖެންސީއާ ގުޅިގެން ރާއްޖޭގެ ތިމާވެއްޓަށް އެއްވެސް ނޭދެވޭ އަސަރެއް ކުރޭ ތޯ ބަލަމުންދާ ކަމަށެވެ. ހަމައެއާއެކު މި ކަމުގެ ސަބަބުން މޫސުމަށް ވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް މެޓް އޮފީހުން ބުނެފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހަށް ހަވާލާ ދެމުން އީޕީއޭއިން ބުނީ މި ވަގުތު މޫސުމަށް ބަލާ އިރު އެ ހާދިސާ އާ ގުޅީގެން ރާއްޖޭ ގެ މޫސުމަށް އަސަރު ނުކުރާނެ ކަމަށާއި އެސިޑް ވާރޭ ފަދަ ނުރައްކާތެރި ކަމެއްގެ އަސަރު ނުކުރާނެ ކަމަށެވެ.

186 މީޓަރު ދިގު މި ބޯޓު، އިންޑިއާގެ ހާޒިރާ ޕޯޓުން ފުރީ މެއި 15 ވަނަ ދުވަހުއެވެ.

މި ބޯޓުގެ ތެޔޮ ޓޭންކުތަކުގައި އެތައް ސަތޭކަ ޓަނެއްގެ ތެޔޮ ހުރިއިރު، މިތަކެތި ކަނޑަށް ބޭރުވެ، ކަނޑުގެ ދިރުންތަކަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ އިތުރުން، ބޯޓު ހަލާކުވެ، ކަނޑަށް ފެތުނަ ނުދީ ހިފެހެއްޓުމަށް ސްރީލަންކާގެ ކަނޑުގެ އަސްކަރިއްޔާއާއެކު އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

ނަމަވެސް ޕޯޓް އޮފް ކޮލަމްބޯގެ ބޭރުން އޮންނަ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ދިޔަ މި އޮޕަރޭޝަނަށް، މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން، ނޭދެވޭ އަސަރުތަކެއް ފޯރާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.