ގުޅިފައިވާ އާ ސަރުކާރެއް އެކުލަވާލުމަށް، އިޒްރޭލުގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން އިއްތިހާދީ އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މިއާއެކު ހުދުމުހުތާރު ޔަހޫދީ ލީޑަރު، ބެންޖަމީން ނަތަންޔާހޫގެ 12 އަހަރުވީ ބޮޑުވަޒީރު ކަމުގެ ލަގަބުގައި މިވަނީ ސިއްކަ ޖެހިފައެވެ.

ޔެޝް އެތީޑް ޕާޓީގެ ލީޑަރު ޔެއީރު ލެޕީޑް ވަނީ، 8 ފެކްޝަން އެކުލެވޭ ކޯލިޝަނެއް އެކުލަވާލާފައި ވާ ކަން ކަށަވަރު ކޮށްދީފައެވެ. ކޯލިޝަން އެއްބަސްވުން ބުނާ ގޮތުގައި، އިއްތިހާދީ ސަރުކާރުގައި ފުރަތަމަ ބޮޑުވަޒީރު ކަން ކުރާނީ ކަނާތު ފިޔައިގެ ޔަމީނާ ޕާޓީގެ ލީޑަރު، ނަފްތާލީ ބެނެޓްއެވެ. އޭގެ ފަހުން ލެޕީޑްއެވެ.

އިޒްރޭލުގެ ކަނާތު ފިޔައިގެ ޔަމީނާ ޕާޓީގެ ލީޑަރު، ނަފްތާލީ ބެނެޓް / ފޮޓޯ: އީޕީއޭ

އިޒްރޭލުގައި އެކުލަވާލި އިއްތިހާދީ ސަރުކާރުން ވަނީ ލެޕީޑްއާއި ބެނެޓްގެ އިތުރުން އަރަބި އިސްލާމީ ރާމް ޕާޓީގެ ލީޑަރު މަންސޫރު އައްބާސް، އެއްބަސްވުމެއްގައި ސޮއިކުރާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. އިޒްރޭލުގެ ޔަހޫދީ ފެކްޝަނާއި އަރަބި އިސްލާމީ ފެކްޝަނުން އެއްގަލަކަށް އެރުމަކީ ނާދިރު ކަމެއް ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

އައްބާސް ވިދާޅުވީ މި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށާ، ގިނަ ދެބަސްވުންތަކެއްވެސް ހިނގި ކަމަށެވެ. ނަމަވެސް އެއްބަސްވުމަކާ ހިސާބަށް އައުމަކީ މުހިންމު ކަމެއް ކަމަށާ، މި އެއްބަސްވުމުގައި، އިޒްރޭލުގެ އަރަބި މުޖުތަމައަށް ބޮޑެތި ފައިދާތަކެއް އެކުލެވިގެން ވާ ކަމަށެވެ.

ކަން މިހެން އޮތް ނަމަވެސް، އިޒްރޭލުގެ އާ ސަރުކާރަށް ހުވާ ކުރެވެން އަންނަނީ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ލިބިގެންނެވެ. އިޒްރޭލުގެ ރައީސް ރިއުވެން ރިވްލިން ވަނީ، އިއްތިހާދީ އާ ސަރުކާރުގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމުގެ ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ބައްދަލުވުން، ވީ އެންމެ އަވަހަކަށް ފެށުމަށް ގޮވާލާފައެވެ.

އިޒްރޭލުގައި 12 އަހަރު ދުވަހު ހުދުމުހުތާރު ވެރިކަމެއް ކުރި ބެންޖަމީން ނަތަންޔާހޫ / ފޮޓޯ: އެންބީސީނިއުސް

ފާއިތުވީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލުގައި 4 ފަހަރެއްގެ މަތިން އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދިޔަ ނަމަވެސް، ސަރުކާރެއް އެކުލަވާލެވޭ ފަދަ އަގުލަބިއްޔަތެއް އެއްވެސް ފަރާތަކަށް ހޯދިފައެއް ނުވެއެވެ. އެންމެ ފަހުން މާޗް މަހު އޮތް އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބުނީ ނަތަންޔާހޫގެ ލިކޫޑް ޕާޓީއަށް ކަމުގައި ވީ ނަމަވެސް، ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ނަތަންޔާހޫ ވަނީ ފެއިލްވެފައެވެ.

އިޒްރޭލުގައި އެކުލަވާލި އިއްތިހާދީ އާ ސަރުކާރަކީ، މި ގަރުނުގެ އެންމެ ބޮޑު އޮޅުވާލުން ކަމަށް ނަތަންޔާހޫ ދަނީ ސިފަކުރަމުންނެވެ. އަދި މި ސަރުކާރަކީ އިޒްރޭލުގެ ރައްޔިތުންނަށް އޮތް ނުރައްކަލެއް ކަމަށް ބުނެ، ނަތަންޔާހޫ ދަނީ ބިރުވެރިކަން އުފައްދަން މަސައްކަތް ކުރަމުންނެވެ.