ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ވަރުގަދަ ތޫފާނަކާ ކުރިމަތިލާން ޖެހުނު އަވަށްޓެރި އިންޑިއާއިން، މެއި 29، 2021 ވަނަ ދުވަހުގެ ނިޔަށް 9346 ކުޑަކުއްޖެގެ މަންމަ ނުވަތަ ބައްޕަ، ނުވަތަ މަންމައާއި ބައްޕަ "ގެއްލިފައި" ވާ ކަމަށާ، މީގެ ތެރެއިން 5226 ކުދިންނަކީ އުމުރުން އެންމެ 4 އަހަރާއި 13 އަހަރާ ދެމެދުގެ ކުރިން ކަމަށް ރެކޯޑްތަކުން ދައްކައިފިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި މަންމަ ނުވަތަ ބައްޕަ، ނުވަތަ މަންމައާއި ބައްޕަ ގެއްލުނު 9346 ކުދިންގެ ތެރެއިން 788 ކުދިންނަކީ އުމުރުން 3 އަހަރުން ދަށުގެ ކުދިން ކަމަށް ވާއިރު، 3332 ކުއްޖަކު ނިސްބަތް ވަނީ 14 އަހަރާއި 17 އަހަރާ ދެމެދު އުމުރު ފުރާގެ ގިންތިއަށެވެ.

އިންޑިއާގެ ނޭޝަނަލް ކޮމިޝަން ފޮ ދަ ޕްރޮޓެކްޝަން އޮފް ޗައިލްޑް ރައިޓްސްއިން އާންމު ކޮށްފައި ވާ މައުލޫމާތަށް ބަލާއިރު، 9346 ކުދިންގެ ތެރޭގައި ހިމެނެނީ 4860 ފިރިހެން ކުދިންނާ، 4486 އަންހެން ކުދިންނެވެ.

ކޮވިޑް-19ގައި އިންޑިއާއިން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރި އެއް ބަޔަކީ ކުޑަކުދިން / ފޮޓޯ: އެސްސީއެމްޕީ

މާޗް 2020 އިން މެއި 2021 އަށް ބަލާއިރު، 1742 ކުއްޖަކު ޔަތީމު ވެފައި ވާ ކަމަށާ، 7464 ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ މި ދުނިޔެއާ ވަކިވެފައި ވާ ކަމަށް ރެކޯޑް ތަކުން ދައްކައެވެ. އަދި 140 ކުއްޖަކީ މައިންބަފައިން ދޫކޮށްލާފައިވާ ކުދިން ކަމަށްވެސް މައުލޫމާތު ލިބެއެވެ. އިތުރު ތަފާސް ހިސާބުތަކަށް ބަލާއިރު 6612 ކުއްޖަކީ މައިންބަފައިންގެ ތެރެއިން ކޮންމެވެސް އެކަކާއެކު ދިރިއުޅެމުން އަންނަ ކުދިންނެވެ. އަދި 1221 ކުއްޖަކު ދިރިއުޅެމުން އަންނަނީ ބެލެނިވެރިއެއްގެ ދަށުގައި ކަމަށް ވާއިރު 985 ކުއްޖަކު ދިރިއުޅެނީ އާއިލާ މެންބަރަކާއެކުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޔަތީމު ކުދިން ބަލަން ހާއްސަ ކޮށްފައި ވާ 38 ތަނެއްގައި 275 ކުއްޖަކު ދިރިއުޅޭ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑްގައި މައިންބަފައިން ގެއްލިފައިވާ ކުދިން އެންމެ ގިނައީ އުއްތަރަޕްރަދޭޝް ސްޓޭޓްގައެވެ. މިފަދަ 2110 ކުއްޖަކު އެ ސްޓޭޓުން ފާހަގަ ވެފައި ވާއިރު، ދެން މިފަދަ ކުދިން އެންމެ ގިނައީ ބިހާރު (1327) އަދި ކެރަލާ ސްޓޭޓް (952) ގައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އިންޑިއާގައި ކުޑަކުދިން ޔަތީމުވެ ބިކަވެގެން ދިއުމުގެ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.