މިދިޔަ މަހު އިޒްރޭލުން ހިންގި ލާއިންސާނީ ޖަރީމާގައި ސުންނާފަތިކޮށްލަފައިވާ ފަލަސްތީނުގެ ގައްޒާއަށް، އދއާއި ރެޑް ކްރޮސްގެ އޮފިޝަލުން ޒިޔާރަތް ކުރައްވާ، އެ ސަރަހައްދަށް ދީފައިވާ ގެއްލުންތައް ބައްލަވާ ލައްވައިފިއެވެ.

މެއި 10، 2021 ވަނަ ދުވަހުން ފަށައިގެން 11 ދުވަހަށް ދެމިގެންދިޔަ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުން 254 މީހެއްގެ ފުރާނަ ގެއްލިފައި ވާއިރު، އޭގެ ތެރޭގައި 66 ކުޑަކުދިން ހިމެނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުދަ ދުވަހު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ފަލަސްތީނުގެ ވެރިވެގެންފައިވާ ބިންތަކުގެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުންނަށް އިންތިހާއަށް ސިއްހީ އެހީ ބޭނުން ވެފައި ވާ ކަމަށެވެ. މީގެ އިތުރުން ގެދޮރު ގެއްލުމުގެ މައްސަލައާ އިންސާނީ އެހީގެ މައްސަލަވެސް އިންތިހާއަށް ބޮޑުވެފައި ވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ.

އިޒްރޭލުން ގައްޒާއަށް ދޭ އުދުވާނީ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ސަރަހައްދެއް / ފޮޓޯ: އަލްޖަޒީރާ

ޑަބްލިއުއެޗްއޯއިން ބުނީ ގައްޒާ ތެރޭގައި 77000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައި ވާ އިރު، ސިއްހީ ހިދުމަތްދޭ 30 ތަނެއް ސުންނާފަތި ކޮށްފައި ވާ ކަމަށެވެ. މީގެ އިތުރުން ގައްޒާއާއި ހުޅަނގު އައްސޭރިން ސިއްހީ އެހީ ބޭނުންވެފައިވާ 2 ލައްކައެއްހާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް، އެ ޖަމިއްޔާގެ މަސައްކަތްތައް ފުޅާ ކުރަމުން އަންނަ ކަމަށްވެސް އދގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން ބުނެއެވެ.

ކަން މިހެން އޮތް އިރު، ބައިނަލްއަގުވާމީ ރެޑް ކްރޮސް ޖަމިއްޔާ (އައިސީއާރްސީ) އިން ވަނީ، ގައްޒާގައި ހާލުގައިޖެހިފައި ވާ މީހުންނަށް އެހީވުމަށް 16 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އެހީއަކަށް އެދިފައެވެ.

އައިސީއާރްސީގެ އިސްވެރިޔާ ރޮބާޓް މާޑީނީ ވިދާޅުވީ އިޒްރޭލުން އެންމެ ފަހުން ދިން އުދުވާންތަކުގެ މުއްދަތު، އެހެން ފަހަރު ތަކާ އަޅާ ބަލާއިރު ކުރުވި ކަމުގައި ވީ ނަމަވެސް، ގައްޒާއަށް ދީފައިވާ ގެއްލުންތައް އާރާސްތުކޮށް، ގައްޒާ ކޮޅަށްޖެހުމަށް އެތައް އަހަރެއް ހޭދަވާނެ ކަމަށެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ވެއްޓުނު އިމާރާތެއްގެ ދަށުން ސަލަމާތް ކުރި ކުޑަކުއްޖެއް (މ) އުފުލަނީ / ފޮޓޯ: އޭއެފްޕީ

ކުރު މުއްދަތުގެ ޕްލޭނަކަށް ބަލާއިރު، ގައްޒާއަށް ފޯރުކޮށްދޭ އިންސާނީ އެހީ، އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށްވެސް އައިސީއާރްސީގެ އިސްވެރިޔާ ވަނީ ފާހަގަ ކުރައްވާފައެވެ.

އިޒްރޭލުގެ 11 ދުވަހުގެ އުދުވާންތަކުގައި ގައްޒާގައި އާންމުން ދިރިއުޅެމުން ދިޔަ 1800 އިމާރާތެއް މުޅިން ސުންނާފަތި ކޮށްފައި ވާއިރު، 14300 އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައި ވެއެވެ. މިއާއެކު އެތައް ހާސް ބަޔަކު ވަގުތީ ހިޔާވަހިކަން ހޯދަމުން ދަނީ، އދއިން ހިންގާ ސްކޫލް އިމާރާތްތަކުގައެވެ.

ގައްޒާއަކީ ހުރިހާ ކޮޅަކުންހެން ބައްދާލެވިފައިވާ، ދުނިޔޭގައި މިވަގުތު އޮތް އަނގަމަތިހާ އެންމެ ބޮޑު ޖަލުގެ ގޮތުގައި ސިފަކުރެވޭ ތަނެކެވެ. އެއްގަމާއި ކަނޑުގެ މަގުން އިޒްރޭލުން ގައްޒާ ބަންދުކުރީ 2007 ވަނަ އަހަރުއެވެ. ބައިނަލްއަގުވަމީ ދުނިޔެއަށް ގައްޒާ ހުޅުވިފައި އޮންނަ ހަމައެކަނި މަގަކީ، އިންތިހާއަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ، މިސްރުގެ ރަފަހު ބޯޑަރު ސަރަހައްދެވެ.