އެމަޖެންސީ ހާލަތުގައި ކަންތައް ކުރަންވީ ގޮތުގެ ލަފާ ރާއްޖޭގެ ސީނިއާ 2 ޑޮކްޓަރަކު ދެގޮތަކަށް ދެއްވައިފިއެވެ.

ޕެންޑަމިކްގެ މިހާލަތުގައި ދިމާވާ އެކިއެކި އެމަޖެންސީގައި ކަންކުރަންވީ ގޮތް ކަމަށް ފިޒިޝަން ޑރ. މުހައްމަދު އަލީ ވިދާޅުވަނީ އޭނާއަށް އެންމެން ޓްވިޓާއިން ޓެގް ކުރާށެވެ.

އޭނާ ވިދާޅުވަނީ އޭނާއަށް ކުރާ މެސެޖެއް ލަހުން ފެނިވަޑައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ނަމަވެސް ޓްވިޓާއިން ޓެގް ކޮށްފައި ކުރާ މެސެޖުތައް އަވަހަށް ޖަވާބު ދެއްވޭ ކަމަށެވެ. އެހެން ކަމުން މެޑިކަލް އެމަޖެންސީއެއް ވިއްޔާ ޓްވިޓާއިން ޓެގް ކުރުމަށް އޭނާ އެދިވަޑައިގަނެއެވެ.

ޑރ. މުހަައްމަދު އަލީގެ ޓްވީޓްގެ ސްކީން ޝޮޓެއް (މިހާރު މި ޓްވީޓް އޭނާ ވަނީ ޑިލީޓް ކުރައްވާފައި)

ޑރ. މުހައްމަދު އަލީ އިނގިރޭސިން ކުރެއްވި ޓްވީޓް ދިވެހިން ސަރަހަވެސް ކުރެއްވިއެވެ. ނަމަވެސް މިހާރު އެ 2 ޓްވީޓްވެސް އޭނާ ވަނީ ޑިލީޓް ކުރައްވާފައެވެ.

ޑރ. މުހައްމަދު އަލީއާ ހިލާފަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވީ، އޭނާއަށް ޓްވީޓުން މެސެޖު ކުރުމުގެ ބަދަލުގައި އެމަޖެންސީ ހާލަތުގައި އެހީއަށް އެދި ގޮވަމުން އަވަހަށް ހޮސްޕިޓަލަށް ދިއުމަށެވެ. އަދީ އޭނާއަކީ 24 ގަޑިއިރު ފޯނާއެކު އުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި އެހެން ކަމުން ޓްވިޓާއިން ޑީއެމް ކުރުމުން ކުރެއްވޭ ތަޖުރިބާ ބައެއް ފަހަރު ވަރަށް ގޯސް ކަމަށެވެ.

ޑރ. މުހައްމަދު އަލީ އަށް ޓްވިޓާއިން ޓެގް ކުރީމައި ފަސޭހަ ވިޔަސް ޑރ. އަހުމަދު ފައިސަލަށް އެކަން ފަސޭހައެއް ނުވެއެވެ. ސިންހީ އެމަޖެންސީ ހާލަތާ ގުޅޭ ގޮތުން އެ 2 ޑޮކްޓަރުން ގެންގުޅުއްވާ "ސްޓައިލް" ތަފާތު ވެފައި އަދި އެކަން ހާމަ ކުރެއްވި މި ދަނޑިވަޅަކީ، އެމްބިއުލާންސެއް ލަސްވެ، ފަރުވާއާ ހަމައަށް ދެވުމުގައި ލަސްތަކެއް ވުމުގެ ސަބަބުން 10 އަހަރުގެ ކުއްޖަކު މަރުވި މައްސަލަ ފެންމަތިވެފައި ވާ ދަނޑިވަޅެވެ.

ފިޓް ޖެހިގެން އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުގައި ފަރުވާ ދެމުން ދަނިކޮށް ރޭ 12:10 ހާއިރު މަރުވި 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު، ލާޖަހާގެ / ހދ. ކުޅުދުއްފުށި ހޮސްޕިޓަލަށް ގެންދެވުނީ އެމްބިއުލާންސަކަށް އެދުނުތާ 3 ގަޑިއެއްހާއިރު ފަހުންނެވެ.

މިޝްކާގެ އާއިލާއިން ބުނެފައިވާ ގޮތުން މޭއި 31، 2021 ވަނަ ދުވަހުގެ ރޭ މިޝްކާގެ ހާލު ގޯސްވެ ނޭވާލާން އުނދަގޫވެ ނޭފަތުން ލޭ އަންނަން ފެށުމުން އެރޭ 09:00 ހާއިރު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ގުޅައި އެމްބިއުލާންސް ފޮނުވުމަށް އެދުނެވެ. ނަމަވެސް އެމްބިއުލާންސް އައިސްފައި ވަނީ އެތައް އިރަކު އެޗްޕީއޭއަށް ގުޅިފަހުން އެރޭގެ 11:40 ހާއިރު ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ. އެމްބިއުލާންސް އައި އިރު މިޝްކާ އޮތީ ހޭނެތިފައި ކަމަށާ ވިންދުވެސް ނުލިބޭކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.

އެމްބިއުލާންސް ލަސްވެ، ފަރުވާއާ ހަމައަށް ދެވުމުގައި ލަސްތަކެއް ވުމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވަނީ އެ ކުއްޖާގެ އާއިލާގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ. އަދި މައްސަލަ ބައްވަލައި ތަހުގީގު ކުރައްވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވައެވެ.

ހެލްތް މިނިސްޓަރު ނަސީމްގެ އިސްތިއުފާއަށް ގިނަބަޔަކު ގޮވާލަމުން ދާއިރު މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް މަޖިލީހަށްވެސް ހުށަހަޅުއްވާފައެވެ.