ކޮވިޑް ބަލީގައި ރާއްޖެއިން އަނެއްކާވެސް މީހަކު މަރުވެ، މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު 171 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ 84 އަހަރުގެ މީހެއް ކަމަށާއި އޭނާ މަރުވެފައި ވަނީ މިއަދު މެންދުރުފަހު 02:35 ހާއިރު ކަމަށެވެ.

މިއީ މިއަދުގެ ދެވަނަ މަރެވެ. މިއަދު ފުރަތަމަ މަރުވެފައިވަނީ އުމުރުން 10 އަހަރުގެ ކުއްޖެކެވެ. މި ކުއްޖާއަކީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި އެންމެ ފުރަތަމަ ކުއްޖާއެވެ.

އިއްޔެ ކޮވިޑުގައި އަށް މީހުން ވަނީ މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެއާ އެކު ބަލީގައި ބޮޑުވަރުވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް މަތީގައެވެ.

މިދިޔަ މަސް ނިމުނު އިރު މެއި މަހު އެކަނިވެސް ވަނީ 34،561 މީހަކަށް ކޮވިޑް ޖެހި މި ބަލީގައި 88 މީހަކު މަރުވެފައެވެ. މަރުވި 88 މީހުންގެ ތެރެއިން 52 މީހުންނަކީ ވެސް އެޗްއެމްއެފުން ފަރުވާ ހޯދަމުން ދަނިކޮށް މަރުވި މީހުންނެވެ.

މި ބަލީގައި އެންމެ ގިނަ މީހުން އެއްފަހަރާ މަރުވެފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެ ދުވަހު ވަނީ 13 މީހަކު މި ބަލީގައި މަރުވެފައެވެ.