ކޮވިޑް-19 ޖެހިގެން ރާއްޖޭއިން މިހާތަނަށް މަރުވި ފުރަތަމަ ކުޑަކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުގައި ލަސްވެ އެމްބިއުލަންސް ހިދުމަތް ލަސްވި މައްސަލަ ހެލްތް މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ 31 މޭ 2021 ވަނަ ދުވަހު އެމްބިއުލާންސްގެ ހިދުމަތަށް އެދުމުން، އެމްބިއުލާންސްގެ ހިދުމަތް ލަސްވި މައްސަލައެއް 01 ޖޫން 2021 ވަނަ ދުވަހު ބަލަން ފަށާފައިވާ ކަމަށެވެ

އަދި މިކަމުގެ ސަބަބުން އެމްބިއުލާންސް ގެ ހިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. ނަމަވެސް ގެނެސްފައިވާ ބަދަލުތަކެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

އެމްބިއުލާންސްގެ ހިދުމަތް ލަސްވެގެން 10 އަހަރު ކުއްޖެއްގެ ހާލު ސީރިއަސްވެ ރޭ ދަންވަރު އައިޖީއެމްއެޗް އީއާރުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ. މި ކުއްޖާގެ އާއިލާއިން ބުނީ 31 ވަނަ ދުވަހުގެ ރޭ އެކުއްޖާގެ ހާލު ސީރިއަސްވެގެން 9 ހާއިރު އެމްބިއުލާންސް އެއް ހޯދުމަށް އެޗްޕީއޭއަށް ގުޅި ކަމަށާ، އެމްބިއުލާންސް އައިސްފައިވަނީ އެރޭ 11:40 ގައި ކަމަށެވެ. އައި އިރު އެ ކުއްޖާގެ ވިންދުވެސް ނުލިބޭކަމަށް އާއިލާއިން ބުނެއެވެ.

މި ކުއްޖާއަކީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި އެންމެ ފުރަތަމަ ކުއްޖާއެވެ. މި ކުއްޖާ ތައުލީމު ހާސިލުކުރަމުންދާ އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫހް ވިދާޅުވީ މި ކުއްޖާ އަކީ ޑައިމްންޑް ކްލާހުގެ ޔޫއެލްސީގެ ދަރިވަރެއް ކަމަށާ ވަރަށް ހުނަރުޗެރި ކުއްޖެއް ކަމަށެވެ. އަދި ކިޔެވުމުގައްޔާއި، އިތުރު ހަރަކާތްތަކުގައިވެސް ވަރަށް އެކްޓިވް ކުއްޖެއް ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވެފައި ވެއެވެ.