ކޮވިޑުން ރައްކާތެރި ވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް ރަޝިއާގައި އުފައްދާފައިވާ ސްޕަޓްނިކް ވެކްސިން ގެންނަން ސޮއިކޮށްފިއެވެ.

ހެލްތް މިނިސްޓަރު އަހްމަދު ނަސީމް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވެކްސިން ގެނައުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ރަޝިއާގައި އުފައްދާފައިވާ ސްޕަޓްނިކް ވެކްސިން ހޯދުމަށް މިހާރު އެއްބަސްވުމުގައި ވާނީ ސޮއިކޮށްފައި ކަަމަށާއި އަދި އެ އެއްބަސްވުން މިހާރު ވަނީ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފައި ކަމަށެވެ. އެގޮތުން އެ ވެކްސިންގެ 2 ލައްކަ ޑޯޒް އޯޑަރުކުރަން ނިންމާފައި ވާއިރު ދެން އެގްރިމެންޓްގައި ސޮއިކުރާނީ ރަޝިއާއިން ކަމަށާއި އެ މަސައްކަތް ކުރިއަށް ގެންދާނީ ފޮރިން މިނިސްޓްރީން އޮންލައިން ކޮށް ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ، ވެކްސިން ގެނެސްގެން އަނެއްކާވެސް ހަލުވި ކަމާއެކު ރާއްޖޭގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދިއުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. މި ވަގުތު ސުޕަޓްނީކް ވެކްސިން ހޯދަން މަސައްކަތް ކުރަނީ ސިންގަޕޫރުން އޯޑަރު ކުރި ވެކްސިން އާއި އިންޑިއާއިން އޯޑަރު ކުރި ވެކްސިންތައް ރާއްޖެއަށް ގެނައުމުގަްި ދަތިތަކެއް ހުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެއްބަސްވުމުގެ ކަންކަން ނިމުނު ހާ އަވަހަށް އެ ވެކްސިން ރާއްޖެއަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ހަތަރު ހަފުތާގެ ތެރޭގައި ވެކްސިން ރާއްޖެ ފޮނުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ރަޝިއާ އިން އޮތީ ދީފައި ކަމަށް ނަސީމް ވިދާޅުވިއެވެ.

ލިބުނު ވެކްސިންގެ އަދަދު:

  • ކޮވިޝީލްޑް ވެކްސިން: 2 ލައްކަ ޑޯޒް އިންޑިއާއިން ހަދިޔާ ކުރި
  • ކޮވިޝީލްޑް ވެކްސިން: 12000 ޑޯޒް ކޮވެކްސް ފެސިލިޓީން ހަދިޔާ ކުރި
  • ކޮވިޝީލްޑް ވެކްސިން: 1 ލައްކަ ޑޯޒް ސަރުކާރުން ގަތީ
  • ސިނޯފާމް ވެކްސިން: 1 ލައްކަ ޑޯޒް ޗައިނާއިން ހަދިޔާ ކުރި
  • ފައިޒާ ވެކްސިން: 5850 ޑޯޒް ކޮވެކްސް ފެސިލިޓީން ހަދިޔާ ކުރި

މި ވެކްސިންގެ ހޯދުމުގެ އެއްބަސްވުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް އެންމެ ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ހުރި ވެކްސިންގެ ސްޓޮކް މަދުވެ މިހާރު ވަނީ ކޮވިޝީލްޑް ވެކްސިން އާންމުންނަށް ޖެހުން ހުއްޓާލާފައެވެ. ނަމަވެސް ރާއްޖެއިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކާފައެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.

މި ވެކްސިންތަަކުގެ ތެރެއިން އެސްޓްރާޒެނިކާ އަށް ފައިސާ ދެއްކި 700،000 ޑޯޒު ވެސް މި މަހުގެ ތެރޭގައި ލިބެން ފަށާނެ ކަމަށް މިނިސްޓަރު ނަސީމް ވަނީ ވިދާލުވެފައެވެ. ނަމަވެސް އެ ވެކްސިން ލިބޭނެ ސީދާ ތާރީހެއް ހާމައެއް ނުކުރައްވައެވެ.