ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާއަށް އިތުރުކުރަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ފާޑު ވިދާޅުވެއްޖެއެވެ.

ޑރ. ދީދީ އެހެން ވިދާޅުވީ ވަކި މީހެއްގެ ނަމެއް ހާމަ ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ޑރ. ދީދީ ފާޑު ވިދާޅުވެފައި ވަނީ ތުޅާދޫ ދާއިރާގެ މެންބަރު ދާދި ފަހުން ހުށަހެޅުއްވި ބިލާ ގުޅިގެން ބިލް ހުށަހެޅުއްވި ހިސާން އާއި ހިސާން ނިސްބަތްވާ ޕާޓީއަށް ކަމަށް ބެލެވެއެވެ.

ދީދީ ވިދާޅުވީ، ލާދީނިއްޔަތުގެ ނުފޫޒުގައި ޖެހިފައި ތިބި 'އިސްލާމޮފޯބްސް' މީހުން ހުށަހަޅާ ބިލްތަކަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައި ވާ އަސާސީ ހައްގުތަކާއި ދުސްތޫރީ ޕްރިންސިޕަލްތަކާ ހިލާފަށް ހުށަހަޅާ ބިލްތަކެއް ކަަމަށެވެ. އަދި އެގޮތަށް ހުށަހަޅާ އެއްވެސް އަގެއް ނެތް ބިލްތަކުން އުފެދޭ ގާނޫނުތަކަކީ ޑިކްޓޭޓާޝިޕް ނިޒާމާ އެކު ވުޖޫދުން ފޮހެވިގެން ދާނެ އެއްޗެއް ކަމަށެވެ.

އެހެންކަމުން މިފަދަ ބިލުތައް ފާސްކުރިއަސް ރައީސް ސޯލިހްގެ ވެރިކަން ނިމިގެންދާ އިރު އެ އިސްލާހުތަކަކީ ވެސް ވުޖޫދުން ފޮހެވިގެން ދާނެ އެއްޗެއް ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވާފައެވެ.

ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދާށެވެ. އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހެދުން ހިމެނެއެވެ. ބިލުގައި ބުނެފައި ވަނީ އެއީ ޖުނަހުގެ އެއް ވަނަ ދަރައިގެ ކުށެއް ކަމަށެވެ.

އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނަފްރަތު އުފެއްދުމުގެ ކުށެއް ގޮތުގައި އިތުރަށް ހިމަނާފައި ވަނީ މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމާއި ސިޔާސީ ވިސްނުމަށް ބަލައި، އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ އެކަމަށް ރޭވުމެވެ. އޭގެ އިތުރުން މީހެއްގެ ނަސްލަށް، ގައުމަށް ނުވަތަ ކުލަޔަށް ބަލައި އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދޭން ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ.

ޑރ. ދީދީ އަބަދުވެސް ގެންދަވަނީ އެމްޑީޕީން ކުރާ މިފަދަ ގިނަ ކަންކަމަށް ފާޑު ވިދާޅުވަމުންނެވެ.

އެ ގޮތުން ރައީސް މުހައްމަދު ނަޝީދު ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ހުންނަވާތީ އެކަމަށް ވެސް މީގެ ކުރިން ޑރ. ދީދީ ވަނީ ފާޑު ވިދާޅުވެފައެވެ. ނަޝީދަށް ރައްދު ދެއްވައި ޑރ. ދީދީ ވިދާޅުވެފައި ވަނީ އިސްލާމީ ޝަރީއަތާއި ދުސްތޫރީ ނިޒާމަށް އަހުލުވެރި ނޫން ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެ ގޮތުގައި ހުންނެވުމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާ ކޮށްގެން ތިއްބަވާ މަޖިލިސް މެންބަރުންނަށް މަޖިލީހުގެ ބަހުސްތަކުގައި ގުރުއާނުން ހުއްޖަތް ގާއިމު ކުރުމަށް އޮތް ހުރަހެއް ނޫން ކަމަށެވެ.