ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްއަށް ގެންދިޔަ 88 އަހަރުގެ ދިވެހި އަންހެނެކެވެ. ނަމަވެސް އަދި އެޗްޕީއޭއިން އެކަން އިއުލާން ކޮށްފައެއް ނުވެއެވެ.

މިއީ މިއަދުގެ ފަސް ވަނަ މަރެވެ. އެޗްއެމްއެފްއިން ފަރުވާ ދެމުން ދަނިކޮށް މިއަދު 3 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އުމުރުން 70 އަހަރުގެ ފިރިހެނަކާއި، 59 އަހަރުގެ އަންހެނަކާއި 50 އަހަރުގެ ފިރިހެނެކެވެ.

އޭގެ އިތުރުން މިއަދު އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް 87 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ވަނީ މަރުވެފައެވެ.

މިއާއެކު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 166 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެއާ އެކު ބަލީގައި ބޮޑުވަރުވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް މަތީގައެވެ.