އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި ހަރުކަށި ފިކުރުގެ 8 މީހުންގެ ތެރެއިން 5 މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅައިފިއެވެ.

ފުލުހުން ބުނީ ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި އައްޑޫއިން ހައްޔަރުކުރި މީހުންގެ ތެރެއިން 5 މީހުން ދޫކޮށްލަން ކޯޓުން ކުރި އަމުރު އިސްތިއުނާފު ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ފުލުހުން އެދިފައިވާ ކަމަށެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށް ބަންދުގައި ތިބި 8 މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެ މީހުން ކޯޓުންް ދޫކޮށްލާފައިވާ މިދިޔަ މަހު 30 ގައެވެ.

ހަރުކަށިފިކުރާ ދެކޮޅަށް ފުލުހުން މި އޮޕަރޭޝަންތައް ފަށާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި މިދިޔަ މަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަށް ފަހުއެވެ. ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް އެކި ވަރުގެ އަނިޔާތައް ލިބި ވަނީ ރާއްޖެއިން ފަރުވާ ހޯއްދެވުމަށް ފަހު ޖަރުމަނު ވިލާތުން ބޭސްފަރުވާ ހޯއްދެވުމަށް ވަޑައިގެންފައެވެ.

ފުލުހުން ވަނީ މިދިޔަމަހު 18 ވަނަ ދުވަހު ވެސް ހަރުކަށި ފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރި ވާ މީހެއް މާލެ އިން ހައްޔަރު ކޮށްފައެވެ. މީގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެއިން ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް ވަނީ 15 ދުވަސް އިތުރު ކޮށްފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ފުލުހުން ތަހުގީގު ކުރަމުން ދާއިރު މައްސަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ. އެއީ އަދުހަމް އަހުމަދު ރަޝީދު/ ވ. ތިނަދޫ، ހިޔާ، 25އ އާއި މުޖާޒް އަހްމަދު/ މއ. ފޭރުގެ، 21އ އާއި ތަހުމީން އަހްމަދު/ ގއ. ކޮނޑޭ، ފޮޅޭމާ، 32އ އާއި އަހްމަދު ފާތިހު/ ލ. ގަން، ދުންފިނިއުފާ، 23އ އެވެ.