ދިވެހިންނާ ތާރީހީ ގުޅުމެއް އޮތް އިންޑިއާގެ ޔޫނިއަން ޓެރިޓަރީއެއް ކަމަށްވާ ލަކްޝަދީބްގެ ތަރައްގީ ގެނައުމުގެ ނަމުގައި ތަންފީޒު ކުރަން މަސައްކަތް ކުރާ ގާނޫނީ ބަދަލުތަކަކީ، ރައްޔިތުންނާ މަޝްވަރާ ނުކޮށް ނުގެންނާނެ ބަދަލުތަކެއް ކަމުގެ ޔަގީންކަން، ޔޫނިއަން ހޯމް މިނިސްޓަރު، އަމީތު ޝާހް ދެއްވާފައި ވާކަމަށް، ލަކްޝަދީބްގެ މަޖިލިސް މެންބަރު، މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ލަކްޝަދީބްގައި ޒަމާނުއްސުރެ ކަން ހިނގަމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ރައްޔިތުންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ގާނޫނީ ބަދަލުތަކެއް ގެނައުމަށް ހުށަހަޅުއްވާފައި ވަނީ މިދިޔަ ޑިސެންބަރު މަހު އެ ސަރަހައްދުގެ އެޑްމިނިސްޓްރޭޓަރު ކަމުގެ މަގާމަށް އައްޔަން ކުރެވުނު، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ އަރިސް ސިޔާސީ އޮފިޝަލެއް ކަމަށްވާ ޕްރަދީޕު ޕަޓޭލްއެވެ.

މި ބަދަލުތަކާ ގުޅިގެން ލަކްޝަދީބްގެ މަސްރަހު ނުތަނަވަސްވެ މުޒާހަރާތައްވެސް އާންމުވެފައި ވާއިރު، ރައްޔިތުންގެ ކަންބޮޑުވުންތައް އަމީތު ޝާހަށް ހުށަހަޅުއްވާފައި ވާނެ ކަމަށްވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ. ފައިސަލް ވަނީ އެ ސަރަހައްދުގެ އެޑްމިނިސްޓްރޭޓަރު ކަމުގެ މަގާމުން ޕަޓޭލް ވަކި ކުރުމަށްވެސް މަސައްކަތް ކުރައްވާފައެވެ.

ތަރައްގީގެ ނަމުގައި ބީޖޭޕީ ސަރުކާރުގެ ނުފޫޒުން ތަންފީޒު ކުރަން އުޅޭ ގާނޫނީ ބަދަލާއެކު، ލަކްޝަދީބްގެ ކައުންސިލްތަކަށް އިންތިހާބު ކޮށްފައިވާ އާންމު މެންބަރުންގެ ބާރު ކެނޑިގެންދާނެއެވެ. އެގޮތުން ދަނޑުވެރިކަމާ، ތައުލީމާ، ސިއްހީ އަދި މަސްވެރިކަމާ ގުޅޭ އާންމު ދިރިއުޅުމުގެ އަސާސީ ކަންކަމުގައި ގޮތް ކިއުމުގެ ބާރު، ކައުންސިލް މެންބަރުންނަށް ގެއްލިގެންދާނެއެވެ.

ގެރިމަހާއި ގެރިމަހުގެ އުފެއްދުންތަކާ ގުޅޭ ހުރިހާ މުއާމަލާތެއް މަނާ ކުރާއިރު، މިފަދަ ކަމަކަށް އަރައިގަންނަ މީހެއްގެ މައްޗަށް 10 އަހަރު ދުވަހު ހުކުމެއް އިއްވާ ގޮތަށް ވަނީ ރާވާފައެވެ. ކަން މިހެން އޮތްއިރު، ފަތުރުވެރިކަން މެކުހަށް ޖެހުމުގެ ނަމުގައި ޕަޓޭލް ގެންދަވަނީ ލަކްޝަދީބްގައި ރާ ހަލާލު ކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ.