ހުޅުމާލެ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް) އިން އިތުރު 3 މީހަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްއެމްއެފްއިން ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ އުމުރުން 70 އަހަރުގެ ފިރިހެނަކާއި، 59 އަހަރުގެ އަންހެނަކާއި 50 އަހަރުގެ ފިރިހެނެކެވެ.

އޭގެ ތެރެއިން އުމުރުން 70 އަހަރުގެ މީހާ މަރުވެފައި ވަނީ މިއަދު 04:00 ގެ ކުރީންނެވެ. 59 އަހަރުގެ މީހާ މަރުވީ ހެނދުނު 06:00 ޖަހައި ބޮޑުވި ފަހުންނެވެ. އަދި އުމުރުން 50 އަހަރުގެ މީހާ މަރުވެފައި ވަނީ ފަތިހު 5:45 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް 87 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ވަނީ މަރުވެފައެވެ. އެމީހާ މަރުވެފައިވަނީ މިއަދު ފަތިހު 04:40 ގައި ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

މިއާއެކު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 165 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެއާ އެކު ބަލީގައި ބޮޑުވަރުވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް މަތީގައެވެ.