ބ. އޭދަފުށީ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެއްޖެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އެހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ޒޯން B ރީޖަނަލް ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ ރ. ހުޅުދުއްފާރަށް ނިސްބަތްވާ 87 އަހަރުގެ ދިވެހި ފިރިހެނެނަކު މަރުވެފައިވާ ކަމަށެވެ. އެމީހާ މަރުވެފައިވަނީ މިއަދު ފަތިހު 04:40 ގައި ކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މިއީ މިއަދު މިބަލީގައި މަރުވި ފުރަތަމަ މީހާއަށް ވާ އިރު އިއްޔެ ރާއްޖެއިން ކޮވިޑް ޖެހިގެން 3 މީހަކު ވަނީ މަރުވެފައެވެ. އިއްޔެ ފުރަތަމަ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ މަރުވީ އިއްޔެ ހެނދުނު 6:37 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ. ދެވަނަ މީހާ މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދަނިކޮށް އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ތިން ވަނަ އަށް މަރުވެފައިވަނީ އައިޖީއެމްއެޗް އީއާރް އަށް ގެންދިޔަ އުމުރުން 83 އަހަރުގެ މީހެކެވެ.

މިދިޔަ މަހު އެބަލީގައި 88 މީހަކު ވަނީ މަރުވެފައެވެ. އެއާއެކު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 162 އަށް އަރާފައެވެ

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެއާ އެކު ބަލީގައި ބޮޑުވަރުވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް މަތީގައެވެ.