ކޮވިޑް ބަލީގައި ރާއްޖެއިން އަނެއްކާވެސް މީހަކު މަރުވެ، މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު 160 އަށް އަރައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 52 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އަދި އެމީހާ މަރުވެފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެޗްޕީއޭއިން އަދި އެކަން އިއުލާންކޮށްފައެއް ނުވެއެވެ.

މިއީ މިއަދު މިބަލީގައި މަރުވި 2 ވަނަ މީހާއެވެ. މިއަދު ފުރަތަމަ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 6:37 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަރާއެކު މިމަހުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު މިވަނީ 87 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެއާ އެކު ބަލީގައި ބޮޑުވަރުވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް މަތީގައެވެ.