އަވަށްޓެރި އިންޑިއާގެ ކެރެލާ ސްޓޭޓްގެ ސަރަހައްދުން ލެކަޑީވްސް ކަނޑުގައި އޮތް 36 ޖަޒީރާ އަތޮޅު ނުވަތަ ރަށެއްގެ މައްޗަށް އެކުލެވޭ ލަކްޝަދީބަކީ ދިވެހިންނާ ބީރައްޓެހި މަންޒިލެއް ނޫނެވެ. ދިވެހިންގެ ތެރެއިން ބައެއްގެ ހަށިގަނޑުގައި މިއަދުވެސް އެ ބައެއްގެ ލޭ ދައުރުވާ އަހުވަންތަ ގުޅުމެއް އޮތް މަލިކުވެސް އޮންނަނީ ލަކްޝަދީބްގެ ޖަޒިރާގައެވެ.
ލަކްޝަދީބްގެ ޖަޒީރާއަކީ، އިންޑިއާގެ އިއްތިހާދީ ނުވަތަ ޔޫނިއަން ޓެރިޓަރީއެކެވެ. މުސްލިމުންނަށް މެޖޯރިޓީ އޮންނަ ލަކްޝަދީބަށް، ހިންދޫ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ބާރުތިޔާ ޖަނާތާ ޕާޓީއިން ވަރުގަދަ ނުފޫޒުތަކެއް ފޯރުވަން ފެށުމާއެކު، މި ސަރަހައްދުގެ ވާހަކަ މިވަނީ ރާޑަރަށް އަރާފައެވެ. ދިވެހިންނާވެސް އިންތިހާއަށް ގުޅޭ ފަދަ ގޮތަކަށެވެ.
އިންޑިއާގެ 8 ޔޫނިއަން ޓެރިޓަރީގެ ތެރެއިން އެންމެ ކުޑަ ސަރަހައްދުގެ ގޮތުގައި އޮތް ލަކްޝަދީބްގެ އާބާދީއަކީ ގާތްގަނޑަކަށް 65000 މީހުން ކަމަށް ވާއިރު، 97 ޕަސެންޓް ހިއްސާކުރަނީ މުސްލިމުންނެވެ. ނަމަވެސް، ލަކްޝަދީބްގެ އިދާރީ ކަންކަން ބެލެހެއްޓުމާ މިހާރު ހަވާލު ހުންނެވީ ބީޖޭޕީ ސަރުކާރަށް މަރުދޭ މީހެކެވެ. ޕްރާފުލް ހޮދާ ޕަޓޭލް އަކީ މޯދީގެ އަރިސް އެޑްމިނިސްޓްރޭޓަރެކެވެ. ގުޖުރާތުގެ ޗީފް މިނިސްޓަރެއްގެ ގޮތުގައި މޯދީ ހުންނެވިއިރު، ހޯމް މިނިސްޓަރުކަން ކުރެއްވީ ޕަޓޭލްއެވެ.
ލަކްޝަދީބްގެ އިދާރީ ކަންކަމަށް ޕަޓޭލް އިސް ކުރެވުނީ މިދިޔަ ޑިސެންބަރުގައެވެ. އޭގެ ފަހުން ތަރައްގީގެ ނަމުގައި އޭނާ ތައާރަފު ކުރައްވަމުން ގެންދަވާ ބަދަލުތައް ވެފައި ވަނީ، މުސްލިމުންގެ މެޖޯރިޓީ އޮތް ލަކްޝަދީބްގެ އާންމުންގެ ހިތްތަކުގައި އިންތިހާ ބިރުވެރިކަން އުފައްދަނިވި ބަދަލުތަކަކަށެވެ. މިފަދަ ނިންމުންތަކަކީ، ލަކްޝަދީބުން އިންތިހާބު ކޮށްފައިވާ މަންދޫބުންނާވެސް މަޝްވަރާ ކުރެއްވުމަކާ ނުލާ، ޕަޓޭލް ނިންމަވާ ނިންމެވުންތަކެއް ކަމަށްވެއެވެ.
ކަންމިހެން އޮތް ނަމަވެސް، އިންޑިއާގެ ޔޫނިއަން ޓެރަޓަރީތަކުގެ ތެރެއިން މުސްލިމުންނަށް އަގުލަބިއްޔަތު އޮތް ހަމައެކަނި ސަރަހައްދުގެ ރައްޔިތުން ބުނަމުން ދަނީ، ޕަޓޭލްގެ ހުށަހެޅުއްވުންތަކަކީ، ލަކްޝަދީބްގެ ރައްޔިތުން ދިރިއުޅުމާ، ބިން މިލްކު ކުރުމާ، ސަގާފާތުގެ އިތުރުން އެ ސަރަހައްދުގެ ތިމާވެއްޓާއި ގުދުރަތީ ދިރުމަށްވެސް އޮތް ނުރައްކަލެއް ކަމަށެވެ.
އިންޑިއާ ކަނޑުގެ ޖަވާހިރެއްގެ ގޮތުގައިވެސް ސިފަކުރަމުން އަންނަ ލަކްޝަދީބްގައި މޯދީގެ ސަރުކާރުގެ ނުފޫޒާއެކު ތަންފީޒު ކުރަން އުޅޭ ބައެއް ބަދަލުތަކުގެ ތެރޭގައި ގެރިމަހާއި ގެރިމަހުގެ އުފެއްދުންތައް މަނާ ކުރުން، ސަރަހައްދީ އިންތިހާބުތަކުގައި ވާދަ ކުރަން ކުރިމަތިލާއިރު 2 ދަރިންނަށްވުރެ ގިނަ ދަރިން ތިބޭ މީހުންނަށް ވާދަ ނުކުރެވޭ ގޮތް ހެދުން އަދި ބިންވެރިންގެ މަސްލަހަތަށް ބެލުމެއް ނެތި، ތަރައްގީގެ ނަމުގައި ބިންތައް ނަގައިގެން "ތަރައްގީ"ގެ މަޝްރޫއުތައް ހިންގުން ފަދަ ބަދަލުތައް ހިމެނެއެވެ.
ތަރައްގީގެ ނަމުގައި، 15 މީޓަރު ފުޅާ މަގުތަކާ ހައިވޭތައް އެޅުމަށް ޕަޓޭލް އަމާޒު ހިފާފައި ހުންނެވިއިރު، ލަކްޝަދީބްގެ ރަށްވެހިން ބުނަމުންދަނީ އެފަދަ ކަމަކަށް ބޭނުމެއް ނެތް ކަމަށެވެ. އަދި މިފަދަ ތަރައްގީއަކީ ސަރަހައްދުގެ ގުދުރަތީ ދިރުމާއި ވެއްޓަށް އޮތް ނުރައްކަލެއް ކަމަށެވެ.
ދިވެހިރާއްޖެއާ އެންމެ ގާތުން އޮތް މަލިކުގެ ލޯކަލް ކައުންސިލްގެ ވައިސް ޗެއާމަން، ޑރ މުނީރު މަނިކުފާނު ވިދާޅުވާ ގޮތުގައި ހުށަހަޅާފައިވާ ތަރައްގީގެ ލޭއައުޓަކީ ތަރައްގީ ނެތިކޮށްލަނިވި ޕްލޭނެއް ކަމަށެވެ. ތަނުގެ އާބާދީއަށް ބެލުމެއް ނެތި ތަރައްގީގެ މަޝްރޫއު ހިންގުމުގެ ބާރު ލިއްބައިދޭ ކަމަށާ، މިކަމުގެ ސަބަބުން ގިނަ ރައްޔިތުންތަކަކަށް އުޅެން މަޖުބޫރު ވަނީ، އަމިއްލަ މުދާ ގެއްލިދިއުމުގެ ބިރުވެރިކަމުގެ ތެރޭގައި ކަމަށްވެސް ޑރ މުނީރު މަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.
ކަމާ ބެހޭ ފަރާތްތަކުން ހުއްދައެއް ހޯދައިގެން އާދައިގެ މީހަކު އަޅާ ގެއަކަށްވެސް 3 އަހަރުގެ ގެރެންޓީއެކެވެ. މާނައަކީ، 3 އަހަރު ހަމަވުމުން، ތަރައްގީގެ ނަމުގައި ލަކްޝަދީބްގެ އެޑްމިނިސްޓްރޭޓަރަށް އެ ސަރަހައްދުގައި މަޝްރޫއެއް ހިންގިދާނެ ކަމެވެ. އަމިއްލަ ފަރުދުންނަށް އަމިއްލަ ގެދޮރު ލިބެނީ އެންމެ 3 އަހަރު ދުވަހަށް ކަމެވެ.
އަމިއްލަ ގެދޮރުގައި ކޮޓަރި ހުންނަންވީ އަދަދުވެސް ކަނޑައަޅާ ގޮތަށް އޮންނަނީ އެޑްމިނިސްޓްރޭޓިވް ސަރުކާރުންނެވެ. މީގެ އިތުރުން ގެ ހުސްކުރަން ކަމާ ބެހޭ ފަރާތްތަކުން ނޯޓިސް ދޭ މުއްދަތަށް ގެ ހުސް ނުކޮށްފިނަމަ ނުވަތަ އެއްވެސް ސަބަބަކާ ހެދި ގެ ހުސް ނުކުރެވިއްޖެނަމަ، ޖޫރިމަނާގެ ގޮތުގައި ދުވާލަކަށް 275 ޑޮލަރު ދެއްކުމަށް، އާންމު މީހާއަށް ލާޒިމުކުރެއެވެ.
ތަރައްގީގެ ނަމުގައި ބީޖޭޕީ ސަރުކާރުގެ ނުފޫޒުން ތަންފީޒު ކުރަން އުޅޭ ގާނޫނީ ބަދަލާއެކު، ލަކްޝަދީބްގެ ކައުންސިލްތަކަށް އިންތިހާބު ކޮށްފައިވާ އާންމު މެންބަރުންގެ ބާރު ކެނޑިގެންދާނެއެވެ. އެގޮތުން ދަނޑުވެރިކަމާ، ތައުލީމާ، ސިއްހީ އަދި މަސްވެރިކަމާ ގުޅޭ އާންމު ދިރިއުޅުމުގެ އަސާސީ ކަންކަމުގައި ގޮތް ކިއުމުގެ ބާރު، ކައުންސިލް މެންބަރުންނަށް ގެއްލިގެންދާނެއެވެ.
ވަޒީފާ ގެއްލި ދިއުމުގެ ބިރުވެރިކަންވެސް އިންތިހާއެވެ. މިހާރުވެސް މިކަން ވަނީ ފަށާފައެވެ. ލަކްޝަދީބްގެ އަދުގެ އެޑްމިނިސްޓްރޭޓިވް ސަރުކާރުން ވެރިކަމަށް އައި ފަހުން، މިހާތަނަށް 500 އެއްހާ މީހުންގެ ވަޒީފާ ލަކްޝަދީބުން ގެއްލިއްޖެއެވެ. ފަތުރުވެރިކަމުގެ ސިނާއަތުން، ފެބުރުއަރީ މަހު އެކަނިވެސް 200 މީހުން ވަކިކުރިއެވެ. ނާމްސޫފި ގެންގުޅޭ ދަނޑުބިންތައް ބަންދު ކުރުމުގެ މައްސަލަވެސް އިންތިހާއެވެ.
ގެރިމަހާއި ގެރިމަހުގެ އުފެއްދުންތަކާ ގުޅޭ ހުރިހާ މުއާމަލާތެއް މަނާ ކުރާއިރު، މިފަދަ ކަމަކަށް އަރައިގަންނަ މީހެއްގެ މައްޗަށް 10 އަހަރު ދުވަހު ހުކުމެއް އިއްވާ ގޮތަށް ވަނީ ރާވާފައެވެ. ކަން މިހެން އޮތްއިރު، ފަތުރުވެރިކަން މެކުހަށް ޖެހުމުގެ ނަމުގައި ޕަޓޭލް ގެންދަވަނީ ލަކްޝަދީބްގައި ރާ ހަލާލު ކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ.
ދެންވެސް އޮތީ ބީޖޭޕީގެ ނުފޫޒު އޮތް ޕަޓޭލްގެ ވެރިކަމުގެ ދޯދިޔާ ވާހަކައެވެ. މުޅި ދުނިޔެ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި އިނދަޖެހިގެން ދިޔައިރު، ލަކްޝަދީބުން 2020 ވަނަ އަހަރު ނިންމާލީ އެންމެ ކޭހަކާވެސް ނުލައެވެ. ނަމަވެސް ޑިސެންބަރު މަހު ވެރިކަމަށް އައި އެޑްމިނިސްޓްރޭޓަރިވް ސަރުކާރާއެކު ލަކްޝަދީބުން 7500 އަށް ވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައި ވާކަމީ ފެންނަން އޮތް ހަގީގަތެކެވެ. ބަލި ފެތުރުމުގެ އަސްލަކަށް ވީ، ދަތުރުފަތުރުކޮށް އުޅުމުގައި ޕަޓޭލްގެ ނުފޫޒުން ދިން ލުއިތަކެވެ.
ތަރައްގީގެ ހުއްޖަތަކަށް ޕަޓޭލް ހައްދަވަނީ ދިވެހިރާއްޖެއެވެ. މިސާލު ޖައްސަވަނީވެސް ދިވެހިރާއްޖޭގެ ނަމުންނެވެ. އިންޑިއާގެ ދުވަހު ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައިވެސް އޭނާ ވަނީ ސާދާ އިބާރާތުން އެކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އޭނާގެ އަމާޒަކީ ދިވެހިރާއްޖެ ފަދައިން، ފަތުރުވެރިކަމުގެ ފަޒާގެ އުހުގައި ފިޔަޖަހާ މަންޒިލަކަށް ލަކްޝަދީބް ހެދުން ކަމަށް ވަނީ ވިދާޅުވެފައެވެ.
ރަގަޅު ޚިޔާލެއް. އިންޑިއާ ސަރުކާރުގެ ބަހެއް ނެތަސް މަލިކުގައި އެމްބަސީއެއް ނޫނީ ކަލްޗަރަލް މިނިސްޓްރީގެ ގޮތްޕެއް ނުވަތަ ދިވެހި ބަހުގެ އެކެޑަމީގެ ގޮތްޕެއް ހުޅުވަން ދިވެހިރާއްޖޭގެ މަޖިލިހުން ފާސްކޮއްލަންވީ. ހުއްޖަތަކަށް ދައްކާނީ އެތަނުގައި ދިވެހި ބަހުން ވާހަކަ ދައްކާ މެޖޯރިޓީއެް އޮންނާތީވެ އެބަސް ދިރުވައި އާލާކުރުމަށާއި ވަޅޯމަސް ވަޅޯ ކުރަން ދަސްކޮށްދިނުމާއި ކާށި ހެހެން ދަސްކޮށްދިނުމުގެ ޕްރޮޖެކްޓެއް ހިނގަމުންދާތީއާއި އެޕްޮރޮޖެކްޓްތަކުގެ އަގު 1 ބިލިއަން ޑޮލަރަށް އަރާތީ އެކަމަށާއި މަކިލު ފުލުހުން ތަމރީނުކުރާ މަރުކަޒަކާއި ސީޕްލޭން ދުއްވަން ދަސްކޮށްދިނުމުގެ ކަންކަމަށް ކަމުގައެވެ.
މިތަނުގައި ރާއްޖޭގެ އޮފީހެއް ގާއިމް ކުރަންވީ އަދި ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހެންވީ