ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނުބައި އާދަތަކާ ދުރުހެލިވުމަށް ދިވެހި ރައްޔިތުންނަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް ސޯލިހު މިގޮތަށް ވިދާޅުވެފައިވަނީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައެވެ. ރައީސްގެ ހިތޯބުގައި ވަނީ ކޮވިޑް ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އެތައް ގެއްލުންތަކެއް ލިބިފައިވާ މި ހާލަތަކީ ދުންފަތުގެ އިސްތިއުމާލު ކުރުންފަދަ އިސްރާފުތައް ހުއްޓާލައި އެ ނުބައި އާދައާ ދުރުހެލިވާން އެންމެ މުނާސަބު ވަގުތު ކަމަށެވެ.

ދުންފަތުގެ ނުރައްކާތެރިކަމާމެދު ރައްޔިތުން ހޭލުންތެރިކޮށް އެ ވަބާއިން ރައްޔިތުން ސަލާމަތް ކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރައްވާ ބޭފުޅުންނާ އެންމެހާ ދިވެހި ރައްޔިތުންނަށް ރައީސް ވަނީ ހެޔޮ އެދުންތައް ފޮނުވާފައެވެ.

އެމަނިކުފާނުގެ ހިތޯބުގައި ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމާ ކޮވިޑް 19 އަކީވެސް ފުއްޕާމެޔާ ނޭވާ ލާ ނިޒާމު ބަލިކޮށްލާ ކަމަކަށްވާއިރު ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ އެކަމުގައި ހުރި ނުރައްކާތެރިކަމަށް އަލިއަޅުވާލާފައެވެ.

ރައީސް ވިދާޅުވެފައިވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށްވެސް އެތައް ފައިދާތަކެއް ކުރާނެ ކަމެއްކަމަށެވެ. އަދި ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގައި ބައިވެރިވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 62 ޕަސެންޓަށްވުރެ ގިނަ މީހުންނަކީ އުމުރުން 15 އަހަރާ 45 އަހަރާ ދެމެދުގެ މީހުންނެވެ. އަދި ރާއްޖޭގައި 40 އިންސައްތައަށްވުރެ ގިނަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރާއިރު، އޭގެތެރެއިންވެސް އެންމެެ ގިނައިން ދުންފަތުގެ އިސްތިއުމާލު ކުރަނީ 15 އަހަރާ 45 އަހަރާ ދެމެދުގެ މީހުންނެެވެ.