17 އަހަރުގެ އަންހެން ކުއްޖަކަށް ބިރުދައްކާ، ބްލެކްމެއިލް ކުރާ މައްސަލައެއް ބަލަން ފަށައިއެވެ.

ފުލުހުން ބުނީ 17 އަހަރުގެ ކުއްޖަކަށް ބިރުދައްކާ ބްލެކްމެއިލް ކުރާ މައްސަލަ ސެޕްޓެމްބަރު 3، 2020 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގެ ތަހުގީގުގައި ފޮރެންސިކް ހެއްކާއި ގަރީނާ ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެއެވެ.

އޭގެ އިތުރުން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްޓަކާ ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ފުލުހުން މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކޮށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

ބިރުދައްކާ، ބްލެކްމައިލް ކުރުމުގެ މައްސަލަތައް ދޭތެރެ ދޭތެރެ އިން އަންނަނީ ފެންމަތިވަމުންނެވެ. އަދި މިފަދަ މައްސަލަތައް ބަލާ، އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު ނޭޅޭ ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.