ކޮވިޑު 19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ދިވެއްސަކު މަރު ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޑީއެޗް11ގައި އެޑްމިޓް ކޮށްފައި އޮތް 69 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހެނދުނު 10:53 ގައި މަރުވެފައިވާ ކަމަށެވެ.

މިއީ ކޮވިޑުގައި މަރުވި ތިން ވަނަ މީހާއެވެ. މިއަދު ފުރަތަމަ މަރުވެފައިވަނީ 54 އަހަރުގެ ފިރިހެނެކެވެ. އެމީހާ މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 02:15 ގައެވެ.

މިއަދު ދެވަނަ މީހާ ވެސް މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 47 މީހެކެވެ. އެއީ މިއަދު ފަތިހު 05:55 ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެއާއެކު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 154 އަށް އަރާފައެވެ.

ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މިހާތަނަށް ރާއްޖެއިން މަރުވެފައި ވަނީ މި ހިނގާ މޭ މަހުއެވެ. މި މަހު މިހާތަނަށް 80 މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.