ކޮވިޑު 19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ދިވެއްސަކު މަރު ވެއްޖެއެވެ.
މިއީ ކޮވިޑުގައި މަރުވި ދެވަނަ މީހާއެވެ. މިއަދު ފުރަތަމަ މަރުވެފައިވަނީ 54 އަހަރުގެ ފިރިހެނެކެވެ. އެމީހާ މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 02:15 ގައެވެ. އެއީ 152 ވަނަ މަރު ކަމަށް އެޗްޕީއެއް ވަނީ ނިންމާފައެވެ.
މިއަދު ދެވަނަ މީހާ ވެސް މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 47 މީހެކެވެ. އެއީ މިއަދު ފަތިހު 05:55 ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެއީ 153 ވަނީ މަރު ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
އެއާއެކު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 153 އަށް އަރާފައެވެ.
އިއްޔެ ކޮވިޑުގައި ތިން މީހަކު މަރުވެފައިވާއިރު އިއްޔެ މަރުވެފައިވަނީ ވަނީ އުމުރުން 79 އަހަރުގެ ދިވެއްސަކާއި 56 އަހަރުގެ ދިވެހި ފިރިހެނެއް އަދި އުމުރުން 68 އަހަރުގެ ފިރިހެނެކެވެ. އޭގެ ތެރެއިން ދެ މީހުންނަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮއްވާ މަރުވި ދެ މީހުންނެވެ. އަދި އުމުރުން 68 އަހަރުގެ މީހާ މަރުވެފައިވަނީ ވިލިނގިލީ ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.
ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މިހާތަނަށް ރާއްޖެއިން މަރުވެފައި ވަނީ މި ހިނގާ މޭ މަހުއެވެ. މި މަހު މިހާތަނަށް 79 މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.
އެގޮތުން މި މަހުގެ 24 ވަނަ ދުވަހަކީ ކޮވިޑް ޖެހިގެން ރެކޯޑް އަދަދަކަށް މީހުން މަރުވި ދުވަހެކެވެ. އެ ދުވަހު ޖުމްލަ 13 މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.