ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ލަފާ ދިނުމަށް ބޭރުގެ އެޑްވައިޒަރަކު ހަމަޖައްސައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ އަމީރަށް ލަފާ ދޭން ބައިނަލްއަގްވާމީ އެޑްވައިޒަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޑރ. ޝާންތާ ޑެވަރަޖަން ކަމަށެވެ. ޝާންތާ އެ މަގާމަށް އައްޔަނު ކުރީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެކަމާ ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖެ މިއޮތް ޕެންޑެމިކްގެ ހާލަތުން އަރައިގަނެ އިންޓަނޭޝަނަލް ޕާޓްނަރުންނާ އިތުރަށް ގުޅުން ބަދަހި ކުރުމަށް ޝާންތާގެ ލަފަޔާއި އިރުޝާދު ވަރަށް މުހިންމު ކަމަށެވެ.

ޑރ.ޝާންތާގެ އިރުޝާދާއި ލަފާގެ މަތިން ބައިނަލްއަގްވާމީ ފަރާތްތަކާއެކު އޮންނަ ގުޅުން ވަރުގަދަކުރުމަށާއި، ކޮވިޑް-19 ގެ ޕެންޑަމިކް ހާލަތުން އަރައިގަނެ، އިގްތިސާދު އަލުން އާރާސްތުކޮށް، އަދި މިފަދަ ކަންކަމުން ރައްކާތެރިކުރެވިފައިވާ އިގްތިސާދެއް ބިނާކުރުމަށް މަގުފަހިވާނެ
މިނިސްޓަރު އަމީރު

ޑރ. ޝާންތާ ވަނީ ވޯލްޑް ބޭންކް ގްރޫޕްގެ އެކްޓިންގ ޗީފް އިކޮނޮމިސްޓް އަދި ޑިވެލޮޕްމަންޓް އިކޮނޮމިކްސްގެ ސީނިއާ ޑިރެކްޓަރުގެ މަގާމު އަދާ ކުރައްވާފައެވެ. އޭނާ އަކީ އެމެރިކާގެ ކެލިފޯނިއާ ޔުނިވާސިޓީން، އިކޮޮނޮމިކްސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވައިފައިވާ ބޭފުޅެކެވެ.