ހުޅުމާލެ މެޑިކަލް ފެސިލިޓީން ކޮވިޑް-19 ގައި އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ ކޮވިޑް ފެސިލިޓިގައި އެޑްމިޓްކޮށްފައި އޮތް 61 އަހަރުގެ ދިވެހި ފިރެހެނަކު މިއަދު މެންދުރު 02:35 ގައި މަރުވެފައިވާ ކަމަށެވެ.
މިއީ މިއަދު މަރުވި ދެ ވަނަ މީހާއެވެ. މިއަދު ފުރަތަމަ މަރުވީ އައްޑޫ ކޮވިޑް ފެސިލިޓިގައި އެޑްމިޓްކޮށްފައި އޮތް 91 އަހަރުގެ ދިވެހި ފިރެހެނެކެވެ. އެއީ މިއަދު ހެނދުނު 10:20 އެވެ.
މިހާރު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 146 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވެ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރު ވެފައިވާ މި ދަނޑިވަޅުގައި މިދިޔަ ހޯމަ ދުވަހު އެކަނި ވެސް ވަނީ 13 މީހަކު މަރުވެފައެވެ. އޭގެ ތެރެއިން 11 މީހުން މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިއީ އެއް ދުވަހެއްގެ ތެރޭގައި ކޮވިޑްގައި މިހާ ގިނަ މީހުން މަރުވި ފުރަތަމަ ދުވަހެވެ. މި މަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު ވަނީ 73 އަށް އަރާފައެވެ.