އައްޑޫ ސިޓީގައި އިންޑިޔާގެ ކޮންސިއުލޭޓް އޮފީހެއް ގާއިމް ކުރަން އިންޑިޔާއިން ނިންމި ނިންމުމާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަނެއްކާވެސް ތުހުމަތުތަކެއް ކުރައްވައިފިއެވެ.

އެކަމާ ގުޅިގެން އުމަރު ވިދާޅުވީ ކޮރަޕްޓް ވެރިން ތަކެއްގެ އަތްދަށުގައި ގައުމެއް ތާށި ވެއްޖެނަމަ ކޮންމެ ފަދަ ނިކަމެތި ކަމެއްވެސް ތަހައްމަލު ކުރަން ޖެހިދާނެ ކަމަށެވެ. އަދި އިންޑިޔާ އިން ރާއްޖޭގެ އެތެރެއަށް ވަންނަމުންދާ ދިޔުމަކީ ދިވެހިންގެ މިނިވަން ކަމަށް އޮތް ނުރައްކަލެއް ކަމަށް ގާބޫލު ކުރަން ދަތިވެފައި ތިބި މަދު ބަޔަކަށް އިންޑިޔާއިން އެ ކުރަހާ ބޮޑު މަންޒަރު، އެ ކަމުގެ ސަބަބުން އިތުރަށް ސާފުވެގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން އުމަރު ވިދާޅުވީ އެމީހުންގެ އިންޑިއާއިން ހެލިކޮޕްޓަރު ތަކާ މަތިންދާ ބޯޓު ތަކާ، އެ މީހުންގެ ސިފައިންނާ، ރާޑަރު ސްޓޭޝަން ތަކާ، މިލަޓަރީ ބޭސް އެއްގެ ގޮތުގައި ބޭނުން ކޮށްލެވޭ ފެންވަރަށް ހަދަމުންދާ ތަމްރީން މަރުކަޒާ، އެފެންވަރަށް އުތުރު ތިލަފަޅުގައި ހެދުމަށް އެއްބަސް ވެފައިވާ މަރުކަޒާ، އެމީހުންގެ ކޮންސިއުލޭޓް އޮފީސްތަކާ، ރާއްޖޭގެ އެތަށް ސަރަހައްދަކަށް ފަތުރާލަނީ ރާއްޖޭގެ ސިޔާސީ ލީޑަރުން ގެ ދޫތަށް ބަންދު ކުރުމަށް ފަހު ކަމަށެވެ.

ދިވެހި ހަރު ބަހެއްގައި އޮވެއެވެ. "ނަރެއްހާތަން ދޫކޮށްލިއްޔާ، ކެނބެއްހާތަން ދަމައިގަންނާނެއެވެ." ރާއްޖޭގެ ވެރިކަން ކުރެއްވި ބޭބޭފުޅުން، އިންޑިޔާ އަށް ބޮނބި ނަރެއްހާތަންވެސް ދޫކޮށްނުލަނީ މި ސަބަބަށް ޓަކައެވެ
އުމަރު

އުމަރު އެފެދައިން ވިދާޅުވެފައި ވާނީ އިންޑިއާގެ މީޑިއާތަކުން އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓް އޮފީހެއް ހުޅުވުމުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ސިޔާސީ ގުޅުން ހަރުދަނާވުމުގެ އިތުރުން ޑިޕްލޮމެޓިކް ބޭނުންތަކަށް ރާއްޖޭގައި އުޅޭ އިންޑިއާ މީހުންގެ އަދަދު އިތުރު ކުރެވޭނެ ކަމަށް ބުނެފައިވާތީއެވެ.

އެ ނޫހުގައި ބުނެފައިވާގޮތުން ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުންތައް ވަރުގަދަ ވުމުން ރާއްޖޭގެ ބާޒާރުތަކުގައި އިންޑިއާގެ ކުންފުނިތަކަށް ހުންނަ ފުރުސަތުތައް ވެސް އިތުރު ކުރެވޭނެ ކަމަށާއި އެކަމުން އިންޑިއާގެ އިގުތިސާދާއި ވަޒީފާގެ ބާޒާރަށް ސީދާ ފައިދާތަކެއް ކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އިންޑިއާ ސަރުކާރުން އެ ނިންމުން ނިންމި ނަމަވެސް އެކަމާ ބެހޭ ގޮތުން ދިވެހި ސަރުކާރުން އަދި އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވަނީ ވިދާޅުވެފައެވެ.

އައްޑޫގައި ކޮންސިއުލޭޓެއް ގާއިމުކުރަން އިންޑިއާ އިން ވިސްނަމުންދާއިރު، އެގައުމުން އަންނަނީ 200 މިލިއަން އެމެރިކާ ޑޮލަރުގެ ޕްރޮޖެކްޓުތައް އައްޑޫގައި ހިންގުމަށް އެހީވަމުންނެވެ. އޭގެތެރޭގައި އައްޑޫގެ އެއާޕޯޓު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓާއި މަގު ހެދުމުގެ ޕްރޮޖެކްޓް ފާހަގަކޮށްލެވެއެވެ. އަދި އައްޑޫގައި އަޅާ ފުލުހުންގެ ޓްރޭނިން ސްކޫލްވެސް ހަދަމުން ދަނީ ވެސް އިންޑިއާގެ އެހީގައެވެ.

އިންޑިއާގައި ރާއްޖޭގެ ހައި ކޮމިޝަނެއް ވެރިރަށް ނިއުދިއްލީގައި ހުންނައިރު، ޓްރިވެންޑްރަމްގައި ކޮންސިއުލޭޓެއް ގާއިމުކޮށްފައި ހުރެއެވެ.