ވޯޑްތައް ފުލްވެ، އެހެން ބަލިތައް ހުންނަ މީހުން ވެސް ކޮވިޑާ އެއްވަރަށް ނިކަމެތިވަމުން ދާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ވިދާޅުވީ ފެތުރޭ ކެންސަރެއް ހެން ކޮވިޑު ބަލި ދަނީ ފަހަރަކު ވޯޑަކުން ވޯޑަކުން ނަގަމުން ކަމަށާއި އެގޮތުން އެންއައިސީޔޫ (ކުޑަކުދިންގެ އައިސީޔޫ)ގެ ދެބައި ކުޅަ އެއްބައި، ގައިނީގެ 1 ވާޑު، DHގެ 3 ފުލޯ، ޕުރައިވެޓް 2 ވޯޑު މިހާ ނަގާ ނިމިއްޖެ ކަމަށެވެ. އަދި އެހެން ބަލިތައް ހުންނަ މީހުންވެސް ކޮވިޑާ އެއްވަރަށް ނިކަމެތިވަމުން ދާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯހުން ގޯހަށް ދާއިރު، ހޮސްޕިޓަލުގައި 282 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އައިސީޔޫ އެނދާއެކު ޖުމްލަ 274 އެނދު ހުންނައިރު، އިއްޔެއާ ހަމައަށް 188 އެނދުގައި މީހުން ވަނީ އެޑްމިޓް ކޮށްފައެވެ.

އިއްޔެ 1417 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު ކޮވިޑް އެކްޓިވް ކޭސްގެ އަދަދު ވަނީ 24،057 އަށް އަރާފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވެ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރު ވެފައިވާ މި ދަނޑިވަޅުގައި އިއްޔެ އެކަނި ވެސް ވަނީ 13 މީހަކު ވަނީ މަރުވެފައެވެ. މިއީ އެއް ދުވަހެއްގެ ތެރޭގައި ކޮވިޑްގައި މިހާ ގިނަ މީހުން މަރުވި ފުރަތަމަ ދުވަހެވެ. އޭގެ ތެރެއިން 11 މީހުން މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.