ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީ ނިންމުމަށް އަމާޒުކޮށްފައިވަނީ އަންނަ ޖޫން މަހުގެ ނިޔަލަށް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަދި ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެހެން ވިދާޅުވީ 241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީއާއި ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ 241 ކޮމިޓީގެ މަސައްކަތްކަތަކީ އެމައްސަލަ ތަހުގީގު ކުރުން ނޫން ކަމަށާއި 241 ކޮމިޓީން ކުރާނީ ހަމަލާ ދޭން މެދުވެރިވީ ސަބަބުތައް ދެނެގަތުމުގެ އިންކުއަރީއެއް ކަމަށެވެ.

އެގޮތުން މި އިންކުއަރީގެ މައިގަނޑު މަގުސަދަކީ ރައީސް ނަޝީދަށް ދިން ޓެރަރިޒަމް ހަމަލާގެ ކުރިން މިހަމަލާ އާ ބެހޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ހިދުމަތްތައް ދޭ ފަރާތްތަކާ ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިބިފާވޭތޯ ދެނެގަތުމާއި ސަލާމަތީ ބާރުތަކުން ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އެހިދުމަތް ފޯރުކޮށްދިނުމުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަކީ ކޮބާތޯ ދެނެގަތުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އޭގެ އިތުރުން ސަލާމަތީ ބާރުތަކުން ރައީސް ނަޝީދަށް ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އަމަލުކުރަމުން ދިޔަގޮތް ދެނެގަތުމާއި ފައިނޭންސް އިންޓަލިޖެންސް މައުލޫމާތު އެއްކުރާ ގޮތާއި މައުލޫމާތު ލިބުމަށް އަމަލުކުރާ ގޮތް ދެނެގަތުން އަދި ގާނޫނީ އޮނިގަނޑާ އެއްގޮތަށް އަމަލުކުރަމުންދާ މިންވަރު ދެނެގަތުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައީސްގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެކްސްޕާޓުންގެ އެހީތެރިކަން ހޯދާނެ ކަމަށާއި އަންނަ ޖޫން މަހު އިންކުއަރީ ނިންމުމަށް އަމާޒުކޮށްފައިވާ ކަމަށެވެ.