މި މަހުގެ 6 ވަނަ ދުވަހު ރޭ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ފައިސާ ހަރަދުކުރި މީހުން ހޯދަން އެންސީޓީސީން މަސައްކަތެއް ނުކުރާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން ޓްވީޓް ކުރައްވާ ވިދާޅުވީ ބޮންގޮއްވާލައި އެމަނިކުފާނު މަރާލަން އުޅުމުގައި ފައިސާ ހަރަދުކުރި މީހުން ހޯދަން އެންސީޓީސީ އިން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ހަބަރު ލިބިވަޑައިގެންފައި ވާ ކަމަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވި އިރު ޓެރަރިޒަމްގެ އެފަދަ މައްސަލަތައް ތަހްގީގު ކުރުމުގައި މިހާތަނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، އެމައްސަލަ ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހްގީގު ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ އެދިފައެވެ.

ކޮމިޓީން ވަނީ އެ މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުން ކުރެވިދާނެ ހެކި ނައްތާލުމުގެ ކުރިން އެ މައްސަލައަށް ބޭނުންވާ ހެކި ހޯދުމަށާ، އެ މައްސަލައިގެ ތަހްގީގު ކުރިއަށް ދާއިރު، ކަމާގުޅުން ހުރި ބޭރުގެ ފަންނީ އަދި ގާބިލް މީހުންގެ އެހީތެރިކަން ހޯދުމަށް ދިވެހި ފުލުހުންނަށް ލަފާދީފައެވެ.

އެކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދެމުންދާ ސެކިއުރިޓީ، ޓެރަރިސްޓުން ފޫއަޅުވާލި ގޮތެއް ބެލުމަށް، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއިން އިސްނެގި އިސްނެގުމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެ ކޮމިޓީގެ ހުށަހެޅުންތަކަށް އިންތިޒާރު ކުރާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރައީސް ނަޝިދަށް ދިން ހަމަލާ މިހާރު ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން މިހާރު ހަތަރު މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އެއީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ސައިކަލުގެ ވެރި މީހާ ތަހުމީން އަހްމަދު، 32 އެވެ. އަދި މި ހަމަލާގައި އަތެއް އޮތް ކަމަށް ތުހުމަތު ކުރެވޭ މީހަކު ވަނީ ބ. ދަރަވަންދޫން ވެސް ހައްޔަރު ކޮށްފައެވެ. އެއީ ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށް ދާ ގޮތް ބަލާ ބޭރުގެ މައްދޫބަކާއި އަދި ކޮމިޓީއެއް ރައީސް އޮފީހުގައިވެސް ހަދާފައި އެބައޮތެވެ.