މީހަކު ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ހިތާނަ ކޮށްފައި ހުރިތޯ ސުވާލު އުފައްދަފާނެތީ ބިރުން ހުންނެވި ކަމަށް ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޑރ. ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރައީސް ނަޝީދު އާ ހެދި ބައެއް ފަހަރު ހިނިވެސް އަންނަ" ކަމަށާއި އަދި މިހާރު ބިރުގަންނަނީ "އެބޭފުޅާ ހިތާނު ކޮށްފިތޯ ބަޔަކު ސުވާލު ކޮށްފާނެތީ" ކަމަށެވެ.

އޭރުން "ދެން ހިއްސާކުރައް ވާނީ ކޮން އެއްޗެއް ކަމެއް ނޭނގޭ ކަމަށާއި އަދި ކެޕްޝަންގައި ޖައްސަވާނީ ކޮން ފަދަ އެއްޗެއް ކަމެއް ވެސް ނޭނގޭ" ކަމަށް ޑރ. ޒައިދު ވަނީ ވިދާޅުވެފައެވެ.

ޑރ. ޒައިދު އެހެން ވިދާޅުވީ ދާދި ފަހުން ރައީސް ނަޝީދު އެމަނިކުފާނުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބިފައިވާ އަނިޔާތައް ފެންނާނެހެން ފޮޓޯއެއް އާންމު ކުރެއްވުމާ ގުޅިގެންނެވެ.

ރައީސް މުހައްމަދު ނަޝީދަށް ލިބުނު ޒަހަމްތައް އާންމުނަށް ދައްކާލަން އެމަނިކުފާނުގެ ނުރަސްމީ ޓްވީޓާ އެކައުންޓުން އާންމު ކުރި ފޮޓޯ

އެ ޓްވީޓުގައި ބުނެފައި ވަނީ، ފާރުތައް މިހާރު ފަސޭހަވަމުން ދާ ކަަމަށެވެ. އެ ފޮޓޯ އާންމު ކުރެއްވި ސަބަބު ހާމަ ކުރައްވަމުން ނަޝީދު ވިދާޅުވެފައި ވަނީ، ބައެއް ބޭފުޅުންނަށް އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތައް އެނގިވަޑައި ނުގަނަންވަނީ ކަމަށެވެ.

މި މަހުގެ 6 ވަނަ ދުވަހު މާލޭގައި ދިން ޓެރަރިސްޓް ހަމަލާގައި ޒަހަމްތަކެއް ލިބިވަޑައިގެން މިހާރު ޖަރުމަނުން ބޭސްފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސް ނަޝީދު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. ނަމަވެސް އެމަނިކުފާނު އަދި ރާއްޖެއަށް ވަޑައިގަންނަވާނެ ތާރީހެއް ނޭނގެއެވެ.

އެމަނިކުފާނު ހޮސްޕިޓަލުން ޑިސްޗާޖްކޮށްފައިވާ އިރު، އަދި ވެސް ޗެކްއަޕް ހަދަން ހޮސްޕިޓަަލަށް ވަޑައިގަންނަވަން ޖެހޭތީ މަހެއްހާ ދުވަހު ޖަރުމަނުގައި މަޑުކުރައްވާނެއެވެ.