ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތްދޭ ދުވަސްތަކަށް ބަދަލު ގެނެސްފިއެވެ.
ބީއެމްއެލް އިން ބުނެފައިވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަލާފައިވާ އުސޫލުތަކާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންކޮށްފައިވާ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތްދިނުމަށްޓަކައި މިމަހުގެ 23 އިން 27 އަށް މަސައްކަތު ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މި ދުވަސްތަކުގައި ބޭންކު ހުޅުވަން ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި، މި ތިން ދުވަހު އެކަނި ކަމަށާ، ހުޅުވާފައި ހުންނާނީ ހެނދުނު 08:30 އިން މެންދުރު 12:30 އަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ހަފްތާގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާ، ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން އަދި ޕޭރޯލްގެ ހިދުމަތް ދެވޭނެކަމަށް ބިއެމްއެލް އިން ބުނެއެވެ. މިގޮތުން:
- ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން: ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުން އެދުވަހު ޕްރޮސެސް ކުރުމަށްވަނީ ހަމަޖެހިވާ ކަމަށް ބޭންކުން ބުނެއެވެ.
- ޕޭ ރޯލްގެ ހިދުމަތް: ބީއެމްއެލްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ މެންދުރު 12:00 ގެ ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތައް ކަމަށް ވެސް ބޭންކުން ވަނީ ބުނެފައެވެ.
- އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުން :ހެނދުނު 9:30 ގެ ކުރިން އޭޓީއެމް މެދުވެރިކޮށް ޖަމާ ކުރާ ކްލިއަރިންގ ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި މެންދުރު 12:00 ގެ ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށް ވެސް ބޭންކުން ބުނެއެވެ.
- ލޯކަލް ބޭންކް ޓްރާންސްފަރ: ހެނދުނު 11:00 ގެ ކުރިން ލިބޭ އޭ.ސީ.އެޗް/ އެމް.އާރު.ޓީ.ޖީ.އެސް) ޓްރާންސްފަރތައް އެދުވަހު ޕްރޮސެސް ވާނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.
ބީއެމްއެލުން އިތުރަށް ބުނީ މިވަގުތުތަކުގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސް ވާނީ ދެން ބޭންކު ހުޅުވޭ ދުވަހުގައި ކަމަށެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު ބޭންކިންގެ ހިދުމަތް ހޯއްދެވުމަށް ކިޔުބީން ނަންބަރު ނެގުމަށާ ބޭންކަށް އައުމުގެ ކުރިން ކިޔުގައި މީހުން ތިބި އަދަދު ބެލުމަށްވެސް ބޭންކުން ވަނީ އެދިފައެވެ.