މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއިން ވީވަރު ބައެއް ބޭފުޅުންނަށް އެނގިވަޑައިނުގަންނަވާތީ، ލިބުނު ޒަހަމްތަކުގެ ފާރުތައް ހިކެން ފަށައިފި ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ނުރަސްމީ ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވަނީ އެމަނިކުފާނުގެ ހަށިކޮޅަށް ލިބިފައިވާ އަނިޔާތައް ފެންނާނެހެން ފޮޓޯއެއް އާންމު ކޮށްފައެވެ. އެ ޓްވީޓުގައި ބުނެފައި ވަނީ، ފާރުތައް މިހާރު ފަސޭހަވަމުން ދާ ކަަމަށެވެ. އެ ފޮޓޯ އާންމު ކުރި ސަބަބު ހާމަ ކުރައްވަމުން ނަޝީދު ވިދާޅުވެފައި ވަނީ، ބައެއް ބޭފުޅުންނަށް އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާތައް އެނގިވަޑައި ނުގަނަންވަނީ ކަމަށެވެ.

ހަމަލާއަށް ފަހު ލިބުނު ޒަހަމްތަކަށް އެންމެ ފުރަތަމަ އެމަނިކުފާނަށް ފަރުވާ ދީފައި ވަނީ އޭޑީކޭ ހޮސްޕިޓަކުންނެވެ. އެއަށް ފަހު އިތުރު ފަރުވާއަށް އެމްނިކުފާނު ވަނީ ޖަރުމަނަށް ވަޑައިގެންފައެވެ. އެމަނިކުފާނުގެ އާއިލާއިން ބުނެފައި ވަނީ ދެން އޮތީ ލިބުނު އަނިޔާއާއި ހަމަލާގެ ސަބަބުން ކުރިމަތިވެވަޑައިގެންނެވި ހާލަތާ ގުޅިގެން ސައިކޭޓަރިސްޓްގެ އެހީ ހޯދުން ކަމަށެވެ. އެހެން ކަމުން އެ މަރުހަލާ ވެގެން ދާނީ ކުރިން ހުންނެވި ހާލަތަށް އަނބުރާ ރުޖޫއަވުމަށް ކުރެވޭ މަސައްކަތަށް ކަމަށެވެ.

ރައީސް ނަޝިދަށް ދިން ހަމަލާ މިހާރު ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން މިހާރު ހަތަރު މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އެއީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ސައިކަލުގެ ވެރި މީހާ ތަހުމީން އަހްމަދު، 32 އެވެ. އަދި މި ހަމަލާގައި އަތެއް އޮތް ކަމަށް ތުހުމަތު ކުރެވޭ މީހަކު ވަނީ ބ. ދަރަވަންދޫން ވެސް ހައްޔަރު ކޮށްފައެވެ. އެއީ ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު، 23 އެވެ.