ހދ.ހަނިމާދޫ ސްކޫލުގެ އިންޑިއާގެ ޓީޗަރަކު، އިޒްރޭލަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރުމުން، އޭނާ ވަޒީފާ އިން ވަކިކޮށް، ގައުމަށް ފޮނުވާލަން ނިންމައިފިއެވެ.

އެ ޓީޗަރުގެ އެ އަމަލާމެދު ކަންބޮޑުވުން ފާޅުކޮށް، އޭނާގެ އަމަލު ކުށްވެރިކޮށް ހަނިމާދޫ ސްކޫލުން ނެރުނުް ބަޔާނުގައި ބުނީ އެ ސްކޫލުގެ ސެޝަން އިންޗާޖް، އަދި އެސްއެމްޓީ މެންބަރުގެ މަގާމުގައި ހުރި އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ އެބެނެޒާ ސުކްމަރަންގެ ފަރާތުން، ޓީޗަރެއްގެ ކިބައިން ފެނިގެން ނުވާނެ ދަށުދަރަޖައިގެ އަމަލެއް، ސޯޝަލް މީޑިއާގައި ފެނިފައި ވާތީ، އެ ސްކޫލުން އެކަމާ ވަރަށް، ހިތާމަ ކުރާކަމަށެވެ.

ހަނިމާދޫ ސްކޫލުން ނެރުނު ނޫސްބަޔާން

އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި ހާއްސަކޮށް ޔަހޫދީ އިޒްރޭލުން ހިންގަމުން ގެންދާ ލާއިންސާނީ އަމަލްތައް ކުށްވެރިކޮށް، ހަނިމާދޫ ސްކޫލަށް 52 އަހަރު ފުރުނު މުނާސަބާގައި، ސްކޫލްގެ ސްޓޭންޑް ހާމަކޮށް، ތަފާތު ހަރަކާތްތަކެއް ހިންގިތާ 24 ގަޑިއިރުވެސް ނުވަނީސް، ސްކޫލްގެ ސްޓޭންޑާ ހިލާފަށް އަދި މުޅި ދިވެހި ދައުލަތާއި ހަނިމާދޫ ރައްޔިތުންގެ ސްޓޭންޑާވެސް ހިލާފަށް، އެ ޓީޗަރު ހިންގި ދަށުދަރަޖައިގެ އަމަލަކީ އެ ސްކޫލުން އެއްގޮތަކަށްވެސް ބަލައިގަންނަ އަމަލެއް ނޫން ކަމަށް އެ ސްކޫލުން ބުނެއެވެ.

އޭނާ ވަނީ އިޒްރޭލަށް ތާއީދުކޮށް އޭނާގެ ފޭސްބުކް ޕްރޮފައިލް ބަދަލުކޮށްފައެވެ.

ސުކުމަރަން އޭނާގެ ފޭސްބްކް ޕްރޮފައިލް ބަދަލު ކޮށްފައި

އެކަމާ ގުޅިގެން އެ ޓީޗަރާމެދު އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދަވާކަމަށް ހަނިމާދޫ ސްކޫލުން ބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް އަޅަން ނިންމަފައިވާ ފިޔަވަޅަކީ ވަޒީފާ އިން ވަކިކޮށް، ގައުމަށް އަނބުރާ ފޮނުވާލުމެވެ.