ހިނގަމުން މިދާ 1442 ވަނަ އަހަރުގެ ބަރަކާތްތެރި ޙައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު، އެހެން ގައުމުތަކުގައި ތިބި މުސްލިމުންނަށްވެސް އޮންނާނެ ކަމަށް ސައުދީ އަރަބިއްޔާއިން ހާމަކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، އެހެން ގައުމުތަކުގައި ތިބި މުސްލިމުންނަށް، މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ސައުދީއިން ދެނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާ ގުޅިގެން އަޅާ ރައްކާތެރި ކަމުގެ ހާއްސަ، ހަރުކަށި ފިޔަވަޅުތަކެއްގެ ދަށުންނެވެ.

ޙާޖީންގެ ސިއްހީ ދުޅަހެޔޮ ކަމާ، ސަލަމާތްތަތެރިކަމާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ، އެޅެން އޮތް އެންމެ ފުރިހަމައަކަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާ، އެކަން ކަން ތަންފީޒު ކުރަމުން ދާނެ ކަމަށް، ސައުދީގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއިން ވަނީ ބުނެފައެވެ.

އެހެން ގައުމުތަކުން ސައުދީއަށް ދަތުރުކޮށް ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމާ ގުޅޭ އިތުރު ތަފްސީލުތަކެއް ސައުދީއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ބޯޑަރުތައް ބަންދު ކޮށްފައި އޮތުމަށްފަހު، ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކަށް ސައުދީ ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

1441 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން ސައުދީއިން ކުރިއަށް ގެންދިޔައީ، އެވަގުތު އެ ގައުމުގައި ދިރިއުޅެމުންދިޔަ މީހުންނަށް ފުރުސަތު ދީގެންނެވެ. އެ ފަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދީފައި ވަނީ އެންމެ 1000 އެއްހާ މީހުންނަށް ކަމަށް މައުލޫމާތު ލިބެއެވެ.