ކޮވިޑާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކޮށްފައި ހުންނަ މުއްދަތު މިމަހުގެ 25 ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައިވާ ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފައި ވާ މުއްދަތު، މޭ މަހުގެ 25 ގެ ނިޔަލަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރު ކުރައްވާފައިވާ ކަމަށެވެ.

މި މުއްދަތުގައި މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި ތިބެގެން ކަމަށާއި، ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކުރުމަށް ނޫން ގޮތަކަށް މުވައްޒަފުން އޮފީސްތަކަށް ނުނެރުމަށްވެސް ރައީސް އަންގަވާފައި ވާކަމަށް އެ އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ، އޮފީސްތައް ބަންދު ކުރި މުއްދަތު އިތުރު ކުރީ ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމުގެ ބޭނުމުގައި ކަމުގައި ވާއިރު، ހުރިހާ ފަރާތްތަކަކުންވެސް އެޗްޕީއޭގެ އެންގުންތަކާއި އިރުޝާދުތަކަށް ބޯލަނބާ ކޮވިޑް ފެތުރުން ހުއްޓުވޭނެ ހުރިހާ ގޮތަކަށް މަސައްކަތް ކުރުމަށެވެ.

ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭން މުޅި ރާއްޖޭގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އެންގުމާއި ގުޅިގެން، މާލެ ސަރަހައްދުގެ ސަރުކާރު އޮފީސްތައް މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސަވާފައިވާ މުއްދަތު، މީގެ ކުރިން މިމަހުގެ 22 ގެ ނިޔަލަށް އިތުރުކުރިއެވެ. އެހެން ކަމުން މިއީ މިމުއްދަތު އިތުރުކުރެއްވި ދެވަނަ ފަހަރެވެ.