ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހައްޔަރު ކުރުމަށް ޕްރޮސެކިއުތާ ޖެނެރަލް އޮފީހުން ކޯޓު އަމުރެއް ނެރެދިނުމަށް އެދިއްޖެއެވެ.

ޕީޖީން ވަނީ މިކަން ކަށަވަރުކޮށް ދީފައެވެ. ޕީޖީން ކޯޓު އަމުރެއް ނެރެދިނުމަށް އެދިފައި ވަނީ، އީސަގެ އަނބިކަނަބަުން އަސްރާ ނަސީމަށް ގެވެށި އަނިޔާ ކުރި މައްސަލައިގައި އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް ފުލުހުން އެދުމާ ގުޅިގެންނެވެ. އަދި މި މައްސަލަ މީހާރު ދަނީ ފުލުހުން ތަހިގީގު ކުރަމުންނެވެ.

ގެވެށި އަނިޔާގެ މައްސަލައެއް މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައި ވާއިރު، އެއީ މެންބަރު އީސައަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ. އަދި މި މައްސަލައިގައި އޭނާގެ އަނބިކަނބަލުންނަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާ ކަމަށާއި ފަރުވާ ހޯދުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް މީޑިއާތައް ރިޕޯޓް ކުރެއެވެ.

މި މައްސަލަ ފެންމަތިވެގެން އައި އިރު މެންބަރު އީސަގެ ސީދާ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ. ނަމަވެސް ރޭ ބައެއް މީޑިއާތަކުން ވަނީ އީސައާ ހަވާލާދީ، އޭނާއަށް ތުހުމަތު ކުރެވޭ އެފަދަ މައްސަލައެއް ފުލުހަށް ރިޕޯޓު ކުރިކަން އެނގިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

މެންބަރު އީސަ ކައިވެނި ބައްލަވައިގަނެގެން އުޅުއްވަނީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަސްރާ ނަސީމާއެވެ.

މި މައްސަލައާ ގުޅިގެން މައްޗަން ގޯޅި ދެކުނު ދާއިރާގެ މެންބަރު ހައިތަމް އަހްމަދު ވަނީ އީސަ ހައްޔަރު ކުރަން ގޮވާލައްވާފައެވެ. އަދި އަވަހަށް މި މައްސަލަ ތަހުގީގު ކޮށް އަނިޔާ ލިބުނު ފަރާތަށް އިންސާފު ހޯދައި ދިނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން އެމްޑީޕީގެ މެންބަރެއްގެ ފަރާތުން މިފަދަ އަމލެއް ފެނިއްޖެ ނަމަ އެމްޑީޕީގެ ސްޓޭންޑަކީ ވެސް މީއީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.