ޕާކިސްތާނު ސުންނާފަތިކޮށް ހަލާކު ކުރުމުގެ ޒިންމާ އުފުލަން ޖެހޭ ބަޔަކީ، ބޮޑުވަޒީރު އިމްރާން ހާންގެ ސަރުކާރުގައި ތިއްބެވި، ޕާކިސްތާން ތަހްރީކީ އިންސާފް ޕާޓީ (ޕީޓީއައި)ގެ ނާގާބިލު ވަޒީރުން ކަމަށް، ޕާކިސްތާން މުސްލިމް ލީގު ނަވާޒް (ޕީއެމްއެލް-އެން)ގެ ރައީސް، ޝަހްބާޒް ޝަރީފު ވިދާޅުވެއްޖެއެވެ.
ސިއަލްކޮޓްގެ މީޑިއާއަކާ ވާހަކަދައްކަވަމުން ޝަހްބާޒް ވަނީ، ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލް ކުރުމުގައި ޕީއެމްއެލް-އެންގެ ވެރިކަމުގައި، އެ ޕާޓީއިން މަސައްކަތް ކޮށްފައި ވާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ޕާކިސްތާނުގެ އަދުގެ ސަރުކާރަކީ، ތަފާތު އެކި ކަހަލަ ހިޔާނާތްތަކުގައި ބައިވެރިވެފައިވާ ސަރުކާރެއް ކަމަށް، ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ނޭޝަނަލް އެސެމްބްލީ – އެންއޭ)ގެ އިދިކޮޅު ލީޑަރު، ޝަހްބާޒް ވަނީ ތުހުމަތު ކުރައްވާފައެވެ.
ޕީއެމްއެލް-އެންގެ ތަރުޖަމާނު، މަރްޔަމް އައުރަންގްޒީބުވެސް ވަނީ އިމްރާން ހާންއަށް ބޮޑެތި ފާޑިކިއުންތައް އަމާޒުކުރައްވާފައެވެ. އެގޮތުން، 400 ބިލިއަން ރުޕީޒްގެ އަގު ހުރި ހަކުރާ، 200 ބިލިއަން ރުޕީޒްގެ އަގު ހުރި ފުށާ، 500 ބިލިއަން ރުޕީޒްގެ ބޭހާ ގުޅޭ ރެކޯޑްތަކަކަށް ބަދަލު ގެނައުމަށް، އިމްރާން ހާން، ނުފޫޒު ބޭނުން ކުރައްވާފައި ވާ ކަމަށް މަރްޔަމް ވަނީ ތުހުމަތު ކުރައްވާފައެވެ.
އަދި ބޭރުގެ ފަންޑިންގްއާ އުޅޭ އެތައް ޓްރިލިއަން ރުޕީޒްއެއްގެ ހިޔާނާތާ، 23 ސިއްރު އެކައުންޓެއްގެ ޖަރީމާގެ އިލްޒާމްވެސް، އޭނާ ވަނީ އިމްރާނަށް އަމާޒު ކުރައްވާފައެވެ.
ކަންމިހެން އޮތްއިރު، ޝަހްބާޒްއާ ދެކޮޅަށްވެސް ޕާކިސްތާނުން ވަނީ ކޮރަޕްޝަންގެ ދައުވާ އުފުލާފައެވެ. އަދި އޭނާއަށް ގައުމުން ފުރައިގެން ނުދެވޭ ގޮތަށް، ހޯމަ ދުވަހު ވަނި ހަމަޖައްސާފައެވެ. ޝަހްބާޒް ޝަރީފަކީ، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު، ނަވާޒް ޝަރީފުގެ ކޮއްކޯފުޅެވެ.