ފުލުހުން ބ. ދަރަވަންދޫގައި ހިންގާ ހާއްސަ އޮޕަރޭޝަނެއްގައި ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ދަރަވަންދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި ކަމާ ގުޅޮގެން އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.

އެނގިފައިވާ ގޮތުން ފުލުހުން އެ އޮޕަރޭޝަން ހިންގާފައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު އުޅޭ ކަމުގެ މައުލޫމާތެއް ލިބިގެންނެވެ.

މި ހަފްތާ ތެރޭވެސް ފުލުހުން ވަނީ ހަރުކަށި ފިކުރާ ގުޅުން ހުރި ބޮޑެއް މާލެއިން މާލެއިން ހައްޔަރު ކޮށްފައެވެ. މާލެއިން ހައްޔަރު ކުރީ އަބްދުﷲ އަލިމަނިކު ނަމަކަށް ކިޔާ އުމުރުން 49 އަހަރުގެ ފިރިހެނެކެވެ. އަބްދުﷲ އަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ޖަލަށްލި މީހެކެވެ.

އަބްދުﷲ އަށް ފުލުހުން ކުރާ ތުހުމަތު ތަކުގެ ތެރޭގައި އާންމުންގެ ސަލާމަތަށް ގެއްލުންވާ ގޮތަށް ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ރޭވުން ހިމެނެއެވެ.

މީގެ އިތުރުން ވެސް ދާދި ފަހުން ވަނީ އައްޑޫން ވެސް ހަރުކަށި ފިކުރާ ގުޅުން ހުރި 7 މީހަކު ހައްޔަރު ކޮށްފައެވެ.

ހަރުކަށިފިކުރާ ދެކޮޅަށް ފުލުހުން މި އޮޕަރޭޝަންތައް ފަށާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި މި މަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަށް ފަހުއެވެ. ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނަށް އެކި ވަރުގެ އަނިޔާތައް ލިބި ވަނީ ރާއްޖެއިން ފަރުވާ ހޯއްދެވުމަށް ފަހު ޖަރުމަނު ވިލާތުން ބޭސްފަރުވާ ހޯއްދެވުމަށް ފުރާ ވަޑައިގެންފައެވެ.

އެމައްސަލައާ ގުޅިގެންވެސް ފުލުހުން ވަނީ ހަރުކަށި ފިކުރާ ގުޅުން ހުރި ތިން މީހަކު ހައްޔަރު ކޮށްފައެވެ.