އިޒްރޭލުން ގާއްޒާ އަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައްޒާ އަށް ދެމުންދާ ހަމަލަތަކުގެ ހަބަރުތައް ބެއްލެވުމުން ހިއްޕުޅަށް ބިރުވެރިކަން ވަދެފައިވާ ކަމަށެވެ. އަދި އިޒްރޭލުން ގައްޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓާލަންޖެހޭ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މިހާރު އަޅާފައިވާ ހުރަސްތައް ނައްތާލާ ފަލަސްތީނުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދޭން ވެސް ޖެހޭ ކަމަށެވެ.

ރައިސް ނަޝީދު އެހެން ވިދާޅުވެފައި ވާއިރު އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުއްވެރިކުރައްވާ، ދިވެހިން ފަލަސްތީނާއެކު ތިބިކަން ހާމަކުރައްވާ، ފަލަސްތީނު ދިދައަކާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ރަމަޟާންމަހުގެ ފަހު ދިހައަކުން ފެށިގެން އިޒްރޭލުން ވަނީ ފަލަސްތީނަށް ވަރުގަދަ ހަމަލާތައް ދޭން ފަށާފައެވެ. ހަމަލާތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައި ވާއިރު، ޝަހީދުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ.