މިމަހުގެ 6 ވަނަ ދުވަހު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް ފަންޑުކުރި މީހުން ކޮބައިތޯ އައްސަވާ ނަޝީދު ސުވާލު ކުރައްވައިފިއެވެ.

އެމަނިކުފާނުގެ ނުރަސްމީ ޓްވިޓާ އެކައުންޓް އިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފަންޑު ކުރި މީހާ ހޯދަން އަނެއްކާވެސް އެމްއެމްއޭ އާއި ފުލުހުން ނުވަތަ ސިފައިންގެ ގާތު އެހުން އެއީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ.

އެމަނިކުފާނު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން 3 މީހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނެފައި ވަނީ މި ހަމަލާ ދިނުމުގައި އިތުރުބައެއްގެ އަތެއް ވާނެކަމަށް ބަލައިގެން އެމީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުންދާ ކަމަށެވެ. ނަމަވެސް މިމަހުގެ 11 ވަނަ ދުވަހަށް ފަހު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ރައީސް ނަޝީދު މިހާރު ގެންދަވަނީ ޖަރުމަނު ވިލާތުގައި ޒަހަމްތަކަށް ފަރުވާ ހޯއްދަވަމުންނެވެ. އާއިލާއިން ބުނެފައި ވަނީ ދެން އޮތީ ލިބުނު އަނިޔާއާއި ހަމަލާގެ ސަބަބުން ކުރިމަތިވެވަޑައިގެންނެވި ހާލަތާ ގުޅިގެން ސައިކޭޓަރިސްޓްގެ އެހީ ހޯދުން ކަމަށެވެ. އެހެން ކަމުން އެ މަރުހަލާވެގެން ދާނީ ކުރިން ހުންނެވި ހާލަތަށް އަނބުރާ ރުޖޫއަވުމަށް ކުރެވޭ މަސައްކަތަށް ކަމަށެވެ.

މިހާދިސާގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ އިރު، ހާދިސާއާ ގުޅޭ ގިނަ ވާހަކަތައް މިހާރު އަންނަނީ ނިއުޅެމުންނެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރަށް ދެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވުމާއި، ރައީސް ނަޝީދަށް އަމާޒުކޮށް އެފަދަ ހަމަލާއެއް އަތުވެދާނެ ކަމުގެ އެލާޓް ލިބިވަޑައިގެން އެކަން، ކަމާ ބެހޭ ފަރާތްތަކަށް އެންގެވި ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވުން ފާހަގަ ކޮށްލެވެއެވެ.