އިޒްރާއީލުން ދެމުންދާ އުދުވާނީ ހަމަލާތަކާ ގުޅިގެން މި ވަގުތު ހާލުގައި ޖެހިފައިވާ ފަލަސްތީނާ އެކު ދިވެހިރާއްޖެ ތިބި ކަން ރަމްޒުކޮށް ދިނުމަށް ބާއްވާ ހާއްސަ އިވެންޓް މިއަދު 4 ޖަހާއިރު ފަށަން ތައްޔާރު ވެއްޖެއެވެ.
ކޮވިޑްގެ ނުރައްކާ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ މި ދަނޑިވަޅުގައި ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން މިއަދު ހަވީރު ބާއްވާ މި އިވެންޓާ ބެހޭ ގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ޓީމްގެ މެންބަރެއް ބުނީ، މި ކަން ފެށުނީ ޓްވިޓާގައި 4 ވަރަކަށް މެންބަރުންގެ ގްރޫޕެއް ހަދައި ގައްޒާގެ ހާލާ މެދު ހަމްދަރުދީ އުފެދި ޝެއާ ކުރި ޓްވީޓްތަކަކާ ހިސާބުން ކަމަށެވެ. މިހާރު މި ޓީމްގެ މެންބަރުން ވަނީ އިތުރުވެފައި ކަމަށާއި އަދި މި ކަމަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަ ކަަމަށް އޭނާ ބުނެއެވެ.
ކޮވިޑްގެ މި ހާލަތުގައި ގިނަ ބަޔަކު އެއްތަނަށް އެއްވެގެން މިފަދަ އިވެންޓެއް ބޭއްވުމަކީ ބުއްދިވެރި ކަމަށް ނުވާނެތީ ފަލަސްތީނާ އެކުގައި ދިވެހިން ތިބިކަން ރަމްޒުކޮށް ދިނުމަށް ކުރިއަށް ގެންދަން މި އިވެންޓް ޕްލޭން ކުރި ގޮތް އޭނާ ކިޔައިދިނެވެ. އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާލެއާއި ހުޅުމާލޭގައި ކަމަށާއި ނަމަވެސް އެވަގުތަކީ ކާފިއު ވަގުތުކަމަށް އޭނާ ބުނެއެވެ. އެހެންކަމުން ކޮންމެ ބަޔަކުވެސް ތިބޭނީ ގޭގައި ކަމުން ގޭގެ ބެލްކަނި އަދި ދޮރު މައްޗަށް ނުކުމެ ފަލަސްތީންގެ ދިދަ އާއި ދިވެހި ރާއްޖޭގެ ދިދަ ވިހުރާލާ ގޮތަށް ނިންމީ ކަމަށް އެނާ ބުނެއެވެ. މީގެ އިތުރުން މިއަދު ކާފިއު ވަގުތު ފެށުމުގެ ކުރިންވެސް ކާރުތަކާއި ޓެކްސީ އަދި ޕިކަޕުތަކުގައި ވެސް ދިދަ ހަރުކޮށްގެން ދުއްވާނެ ކަމަށް އޭނާ ބުނެއެވެ.
މި އިވެންޓަށް މިހާރުވެސް ގިނަ ބައެއް ތަރުހީބު ލިބިފައިވާ ކަމަށާއި ގިނަ ބަޔަކު ދިދަ ޕްރިންޓް ކޮށް، ފަހައިދީފައިވާ ކަމަށް ވެސް އޭނާ ބުނެއެވެ. އަދި މި އިވެންޓްގައި އެކި ސައިޒުގެ ދިދަތައް ބޭނުންކުރާނެ ކަމަށް ވެސް އޭނާ ބުނެއެވެ. މިހާތަނަށް ލިބުނު ގިނަ ދިދަތައް މީހުންނަށް ބަހާފައި ވާނެ ކަމަށް އޭނާ ބުނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ އިވެންޓްތައް ކުރިއަށް ގެންދިއުމަށް އެ ޓީމުން ނިންމާފައިވާ ކަމަށާއި މިއީ އަދި ފެށުން ކަމަށް އެ ޓީމުން ބުނެއެވެ.
މި އިވެންޓް ކުރިއަށް ދާނީ މާލެއާއި ހުޅުމާލޭގައި މިއަދު ހަވީރު 4:00 އިން 6:00 އާ ދެމެދެވެ. މި ވަގުތުގައި ހުރިހާ ގެއެއްގެ ބެލްކަނިތަކުން ބޭރަށް ނުކުމެ ފަލަސްޓީންގެ ދިދަ ހޫރާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އިވެންޓްގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އިވެންޓް އޯގަނައިޒް ކުރި ޓީމުން ބުނެއެވެ.