ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން، މެއި 06، 2021 ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމްތަކުގެ އިތުރުން އިތުރު އަނިޔާއެއްވެސް އަދި ގެއްލުމެއްވެސް ނެތް ކަމަށް އާއިލާއިން ބުނެފިއެވެ.

"ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދުގެ ބޭބޭފުޅު ޑރ. އިބްރާހިމް ނާޝިދު ވިދާޅުވީ، ޖަރުމަނުން ސްކޭންތައް ހަދާފައި ވާކަމަށާއި، ނަތީޖާ ރަނގަޅު ކަމަށެވެ. އަދި އެތެރެހަށީގެ ގުނަވަންތަކަށް އެއްވެސް ގެއްލުމެއް ވެފައި ނުވާ ކަމަށްވެސް ނާޝިދު ވިދާޅުވިއެވެ.

ނާޝިދު އިތުރަށް ވިދާޅުވީ، ދެން އޮތީ ލިބުނު އަނިޔާއާއި ހަމަލާގެ ސަބަބުން ކުރިމަތިވެވަޑައިގެންނެވި ހާލަތާ ގުޅިގެން ސައިކޭޓަރިސްޓްގެ އެހީ ހޯދުން ކަމަށެވެ. އެހެން ކަމުން އެ މަރުހަލާވެގެން ދާނީ ކުރިން ހުންނެވި ހާލަތަށް އަނބުރާ ރުޖޫއަވުމަށް ކުރެވޭ މަސައްކަތަށް ކަމަށެވެ.

ޖަރުމަނުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސް ނަޝީދު ވަނީ، އިސްތަށިފުޅުން ޒަހަމްވި ފަރާތް ފެންނަ ފޮޓޯއެއް މިއަދު އާންމު ކުރައްވާފައެވެ. އުފަންދުވަހުގެ މާބޮނޑިއަކާއެކު ނަންގަވާފައި ފޮޓޯގައި ވާތްޕުޅު ފަރާތުން ޒަހަމްވެފައި ހުރި ތަންތަން ފެންނަން ހުއްޓެވެ. އެ ތަންތަނަކީ، އޭޑީކޭގެ ޑޮކްޓަރުން ވިދާޅުވެފައި ވާގޮތުން، ބޮން ގޮއްވާލި ވަގުތު ބުރައިގެން ދިޔަ ރޭޒާފުކަކުން ޖެހި ޒަހަމްވެފައި ހުރި ތަންތަނެވެ. އޭޑީކޭގެ ޗީފް މެޑިކަލް އޮފިސާ އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަބްދުﷲ ނިޔާފު ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ އިސްތަށިފުޅަށް އަމާޒުވި ރޭޒާފުއް ހުރީ ވާއަތު ކަންފަތްޕުޅު ކައިރިން ޖެހި ކެހިގެން ގޮސް އިސްތަށިފުޅުގެ ފަހަތުން ދެހަންދޭތެރޭގައި ތާށިވެފައި ކަމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ވަނީ 3 މީހަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ބޮން ގޮއްވާލި މީހާވެސް ހިމެނެއެވެ. މިހާދިސާގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ އިރު، ހާދިސާއާ ގުޅޭ ގިނަ ވާހަކަތައް މިހާރު އަންނަނީ ނިއުޅެމުންނެވެ.

އެގޮތުން ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރަށް ދެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވުމާއި، ރައީސް ނަޝީދަށް އަމާޒުކޮށް އެފަދަ ހަމަލާއެއް އަތުވެދާނެ ކަމުގެ އެލާޓް ލިބިވަޑައިގެން އެކަން، ކަމާ ބެހޭ ފަރާތްތަކަށް އެންގެވި ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވުން ފާހަގަ ކޮށްލެވެއެވެ.