ރައްޔިތުން އެދޭ ގޮތަށް މަސްއޫލިއްޔަތު އަދާކުރުންމަތީ ހިތްވަރާއެކު ދެމިހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މަޖިލީހަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ދެވަނަ ދައުރު ފެށިގެން ދާއިރު، ހުރިހާ މެންބަރުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މަޖިލީހުގެ މިދައުރުގެ މަސައްކަތް ފެށިގެން މިދަނީ ފުރާނަ ދުއްވާލުމުގެ ނިޔަތުގައި ނުރައްކާތެރި ހަމަލައެއް އެމަނިކުފާނަށް އަމާޒުކޮށް ދީފާވަނިކޮށް ކަމަށެވެ.

މި ނުރައްކާތެރި ބިރުވެތި ހާލަތުގައިވެސް، ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެއްވެސް ފަސްޖެހުމެއްނެތި ހީވާގިކަމާއެކު ހުރިހާ މެންބަރުން މަސައްކަތް ކުރައްވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި ގައުމުގެ މަސްލަހަތު އިސްކުރައްވާ، ދިވެހިރައްޔިތުންގެ ރައްކާތެރިކަމަށާއި ލާބައާއި މަންފާއަށް މަސައްކަތް ކޮށްދެއްވާނެކަން ޔަގީންކަން އެބައޮތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ މާތްﷲ ގެ އިރާދަފުޅާއެކު މަޖިލީހުގެ މަސައްކަތުގައި އިސާހިތަކު އެންމެހާ މެންބަރުންނާއެކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށާއި މާތްﷲ ގެ ހެޔޮރަހުމަތްފުޅާއެކު ރައްޔިތުން އެދޭ ގޮތަށް މަސްއޫލިއްޔަތު އަދާކުރުންމަތީ ހިތްވަރާއެކު ދެމިހުންނާނެ ކަމަށެވެ،

މިމަހުގެ 6 ވީ ބުރާސްފަތި ދުވަހު ނަޝީދު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި އިތުރު ފަރުވާއަށް މިހާރު ހުންނެވީ ޖަރުމަނުގައެވެ.