ހއ. ހޯރަފުށި އެއާޕޯޓް ހަދާފައި ވަނީ އެންވާރަމަންޓަލް އިމްޕެކްސް އެސެސްމަންޓް ރިޕޯޓާ އެއްގޮތަށް ތޯ ބަލަމުން ގެންދާ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ އެޖންސީން ބުނީ މިހާރު އެ އެޖެންސީން ދަނީ ހޯރަފުށީ އެއާޕޯޓް ހަދާފައިވާ ގޮތް ބަލަމުން ކަމަށެވެ. އަދި އެ އެޖެންސީން ހުއްދަ ދީފައިވާ އީއައިއޭގެ ރިޕޯޓާ އެއްގޮތަށް އަމަލުކޮށްފައިވޭޓޯ ބަލާ ކަމަށް ވެސް އީޕީއޭއިން ބުނެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހޯރަފުށީ އެއާ÷ޯޓް ހުޅުވާފައިވާ އިރު މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެ އާއޕޮޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މޫސުން ގޯސްވުމުގެ ސަބަުން ގިނަ ރަށްރަށަށް މި ވިއްސާރާއިގައި އުދައަރާ ވަނީ ފެންބޮޑުވެފައެވެ. އެ ގޮތުން ހޯރަފުށީ އެއާޕޯޓްގެ މުޅި ރަންވޭ ފެނުއަޑީގައި އޮތް އިރު އެއާޕޯޓާއި އެ ރަށާއި ދެމެދު އަޅާފައިވާ ކޯޒްވޭ އަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. އަދި އުދަ އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ އިތުރުން ވައި ބާރުވުމުގެ ސަބަބުން އެއާޕޯޓުގެ ގިމަތައިގެ ދޮރުތައްވެސް ވެއްޓިފައި ވާއިރު، ލިބިފައިވާ ގެއްލުންތައް މަރާމާރު ކުރަން ބޮޑު ހަރަދެއް ދާނެ ކަމަށް ބެލެވެއެވެ.

އެކަމާ ގުޅިގެން ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެފައި ވަނީ، ހޯރަފުށީ އެއާޕޯޓުގެ ފުރަތަމަ އީއައިއޭ ހެދި ފަރާތުން އެއަޕޯޓް އަޅާ ސަރަހައްދު މާފިނޮޅު ނޫން އެހެން ސަރަހައްދަކަށް ބަދަލު ނުކުރުމަށް އެދުނު ކަމަށާއި އަދި މިހާރު އެއާޕޯޓު އޮތްތަނުގައި އެއާޕޯޓް އަޅާފިނަމަ މިމައްސަލަ ދިމާވާ ނެކަމަށް ލަފާދީފައިވާ ކަމަށެވެ. އޭގެ އިތުރުން މިހާރު އެއާޕޯޓު އަޅާފައިވާ ތަނުގައި އަޅާނަމަ ރަނގަޅު ފެންވަރުގެ ކޯޒްވޭއެއް ހެދުމަށާއި އެއާޕޯޓު ވަށާ ހިލަޖެހުމާއި އެއާޕޯޓު ފަސްގަނޑު އުސްކުރުމަށް ވެސް ލަފާ ދީފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 19 ގައި ހުޅުވި މި އެއާޕޯޓު ހަދާފައި ވަނީ ފަހުން ބަދަލުގެނައި އީއައިއޭ އަކަށް ބިނާކޮށްކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ. އަދި އެ އީއައިއޭ ވެސް ލިބިފައި ވެއެވެ.

ހޯރަފުށި އެއާޕޯޓަށް ބޮޑު ގެއްލުންތަކެއް ލިބިފައި ވާއިރު އެ އެއާޕޯޓް އެތަނުގެ އިންޝުއަރެންސްގެ މުއްދަތު ވެސް އޮތީ ހަމަވެފަ އެވެ. އެހެންވެ އެތަން އަލުން މަރާމާތު ކޮށްގެން އޮޕަރޭޝަނަށް ގެންނަން ބޮޑު ހަރަދެއް ހިނގާނެ އެވެ.