ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ބަހުސް ސައި މޭޒުގައި ހިނގަނީއެވެ. އަހަންނަށް ގޮސް ވަދެވުނީ ބަހުސްގެ އެންމެ ފޯރި ގަދަވެފައި އޮއްވައެވެ.

"އެ އައީ، އަޅެ ބުނެބަލަ، ނަޝީދު އޭޑީކޭއަށް ގެންދިޔަލެއް ލަސްވި ނަމަ ފުރާނަ ސަލާމަތް ވީސްތަ؟" އަހަރެން ވަނުމާއެކު، ބަހުސް ކުރަމުން ދިޔަ އެކަކު ބުންޏެވެ. އަހަންނަކީ ނޫސްވެރިއެއް ކަން އެނގޭތީ، އޭނާ ގަބޫލު ކުރީ ނޫސްވެރިންނަށް ބޮޑަށް އެނގޭނެކަމަށެވެ.

"އަހާނ މި ބުނީނު ނަޝީދަށް ކަމެއް ނުވެޔޭ، ނަޝީދަށް އެވަރު ވީ އިރު ކީއްވެބާ ސެކިއުރިޓީންނަށް އެވަރު ނުވީ.." އަހަރެން ޖަބާވެއް ދިނުމުގެ ކުރިން، ޖެހިގެން އިން މީހާ ޒުވާބު ދެމުން ދިޔައެވެ.

އެއްވެސް މީހަކު ދެބަސް ނުވާނެ އެއްކަމަކީ މިމަހުގެ 6 ވީ ބުރާސްފަތި ދުވަހުގެ ރޭ ސައިކަލެއްގައި ހަރުކޮށްފައި ހުރި ބޮމެއް ގޮއްވާލި ކަމެވެ. އެ ބޮން ގޮއްވާލީ ރައީސް ނަޝީދު އެ ސައިކަލާ އަރާ ހަމަވެ ވަޑައިގަންތަނާއެވެ. ވީޑިއޯ އެހުރީ ފެންނާށެވެ. އެ ވީޑިއޯއިން ފެންނަ ގޮތުން، ރައީސް ނަޝީދާ އެކު ސެކިއުރިޓީވެސް ދެއެވެ. ރައީސް ނަޝީދުގެ ހަށިކޮޅުގައި އަތް ޖެހޭ ނުޖެހޭ ހިސާބުގައި ހުރެގެން ސެކިއުރިޓީ ދާއިރު ރައީސް ނަޝީދުގެ ކުރިން ދާ ސެކިއުރިޓީއާއި ރައީސް ނަޝީދާ ދެމެދުން އެ ހަމަލާގައި ޒަހަމްވި، ބޭރު މީހާވެސް ދެއެވެ.

ގޮއްވާލި ބޮން ހަރުކޮށްފައި ހުރީ ސައިކަލުގެ ފަހަތުގައެވެ. ބޮން، ކައިރީ ރައީސް ނަޝީދާއެވެ. ބޮން ގޮއްވާލި އިރު ރައީސް ނަޝީދާއި އެ ސައިކާ ދެމެދުގައި ހުންނާނީ 2 ފޫޓެވެ. ގ. ނީލޯފަރު ހިނގުމުގެ ހަނިކަމާއި، ޕާކު ކޮށްފައި ހުރި ސައިކަލު ގޮވާފައި އޮތް ގޮތް ބެލީމާއި އެކަން ސާފުވެއެވެ.

ނަޝީދުގެ ހަށިކޮޅު ފޫއެޅި އިރު އެހެން މީހުންގެ ނާޅަނީ ކީއްވެ؟

މިއީ މޭޒުގައި އޮތް ބަހުސްގެ މައުޟޫއެވެ. ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާދޭތާ 2 ދުވަސް ފަހުން އާންމުންނަށް ފެނުނު ފޮޓޯ އެއޮތީ ޑީޕީއަށް ލައިފައެވެ. އެ ފޮޓޯގައި، އޭޑީކޭގެ ޑޮކްޓަރު އަބްދުﷲ ނިޔާފު ވިދާޅުވާފަދަ ޒަހަމެއް ފެންނަން ނެތިގެން އެތައް ބަޔަކު އޭޑީކޭއަށާއި ރައީސް ނަޝީދަށް އެތިވަރު ގޮވަނީއެވެ. ރައީސް ނަޝީދު ފޭކް ޖައްސަވަނީ ކަމަށާއި، އޭޑީކޭގެ ޑޮކްޓަރުން ވިކިގެން ތިބެ ނަޝީދަށް ނުލިބޭ އަނިޔާއެއްގެ ވާހަކަ ކިޔަނީ ކަމަށް ބުނެއެވެ.

ރައީސް ނަޝީދުގެ ހަށިކޮޅަށް އަނިޔާ ލިބިފައި ހުރި ތަންތަން ފެންނަ އިމޭޖު (އޭޑީކޭއިން) ހާމަ ކުރި

އަސްލު މަންޒަރުގައި ވަނީ އެހެނެއް ނޫނެވެ. ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާގެ ކުރެހުން އޭޑީކޭން ހާމަ ކުރި އިރު، ނިތްކުރި މައްޗާ ދިމާއިން ފެންނަ ބޮޅަކީ، ނިތްކުރި މައްޗެއް ނޫނެވެ. އެއީ ވާއަތްފަރާތުން ބޮލުގެ ފަހަތެވެ. ވާއަތު ކަންފަތް ކައިރިން ޒަހަމްވެ، ގޮސް ބޮލުގެ ވާއަތް ފަރާތަށް އެޒަހަމް ހުއްޓެވެ. އެތަން ހުރީ ސްޓިޗްވެސް ކޮށްފައެވެ. އެ ފޮޓޯގައި ނަޝީދު އައިނު އަޅުއްވާފައި ހުރި އިރު ކަންފަތް ކައިރިން ވީ ޒަހަމް އެ ހުރީ ސީދާ ދުނިގަނޑާ ދިމާގައެވެ. ބޭސްވެރިކަމުގައި ކުރެހުން ހާމަ ކުރާއިރު ހާމަ ކުރަނީ ކުރިމައްޗާއި ފަހަތް ފެންނަ ކުރެހުމެއެވެ. އެއީ އަރިއަރިއަށް 3ޑީ ކޮށްގެން ކުރާ ކަމެއް ނޫނެވެ.

ދެން ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ރޭދާފުއްތައް ވަން އިރު ޖެހިގެން ހުރި ސެކިއުރިޓީގެ ގަޔަށް ނުވަނީ ކީއްވެތޯ ކުރާ ސުވާލުގެ ޖަވާބުގައި އެމްއެންޑީއެފުން ބުނެފައިވަނީ ބޮން ގޮވި ގޮތާއި، ބޮން ގޮވުމުން އޭގައި ހުރި އެއްޗެހި ބުރައިގެން ދިޔަ ގޮތް (އޭންގަލް) އަކީ ސަބަބު ކަމަށެވެ. ބޮން ގޮއްވާލި އިރު، ނަޝީދަށް ހުންނެވުނީ ސީދާ އެ ދިމާއަށް ކަމަށް ވެފައި، ހަމަލާގައި ނަޝީދު ނުފެންނަ ވަރަށް ދުންގަނޑު އަރައިގެން ގޮސް ނަޝީދު ވެއްޓިވަޑައިގަންނަވާ އިރުވެސް ސެކިއުރިޓީ ދުމުގެ ތެރެއިން ފެންނަން ހުރެއެވެ. އަދި ނަޝީދުގެ ހަށިކޮޅަށް ރޭދާފުއްތައް ވަން އިރު ސެކިއުރިޓީގެ މުޅި އަތާއި އަދި ވާއަތް ފަރާތަށް ރޭދާފުއްތައް އަރާފައި ހުންނަ ފޮޓޯތައްވެސް ވަނީ އާންމު ވެފައެވެ.

ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކާ ގުޅިގެން އަދިވެސް ޖޯކު ޖަހާ

ގިނަ ބަޔަކު ޖޯކު ޖަހަމުން ދަނިކޮށް، ރައީސް ނަޝީދަށް ލިބިވަޑައިގެންފައި ހުރި އަނިޔާތައް ފެންނަ ސާފު ފޮޓޯތަކެއް ނަޝީދުގެ އެއްބަނޑު އެއްބަފާ ބޭބެ ޑރ. އިބްރާހީމް ނާޝިދު ވަނީ އާންމު ކުރައްވާފައެވެ. އެ ފޮޓޯތަކުން ރައީސް ނަޝީދަށް ލިބިވަޑައިގެންފައި ހުރި ޒަހަމްގެ ބޮޑުކަން ރޮލަށް އެހުރީ ފާޅުވާށެވެ. އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ކިޔައި ދިން ގޮތަށް ރައީސް ނަޝީދުގެ ހަށިކޮޅުގެ އެތަން މިތަން އެހުރީ ފަހާ، ސްޓިޗްކޮށް ބޭސް އަޅާފައެވެ.

އެހެނަސް ޖޯކު ޖަހާ މީހުން މިހާރު ބުނަނީ، ފޮޓޯތަކުގައި ރައީސް ނަޝީދުގެ މޫނުފުޅު ނުފެންނާތީ އެއީ ރައީސް ނަޝީދު ކަމެއް ނޭނގޭކަމަށެވެ.

މަރުހޫމް ނައިފަރު ދޮހޮއްކޮގެ ލަވައިގައި އޮންނަ ގޮތަށް "އަދާވާތްތެރި ވިޔަސް ވާންނީ ހިތަށް ކުޅަދާނަ މިންވަރަކުން.." ނޫންތޯއޭ ހިތައް އަރައެވެ.

ސޯޝަލްމީޑިއާގައި ނަޝީދުގެ ބޭބެ އާންމު ކުރެއްވި ފޮޓޯތަކުގެ އިތުރުން، ނަޝީދުގެ ޒަހަމްތައް ފެނުނު ޑޮކްޓަރަކު ވިދާޅުވީ، އެއީ "ފޭކެއް ނޫން، އަހަރެމެން މީ ފޭކް ހަދާ ބައެއް ނޫން، ކޮންމެ ކަމެއް ސިޔާސީ ކުރުމަކީ ވަރަށް ބޮޑު ނުރައްކަލެއް، ޑޮކްޓަރުންނަކީ މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ މަސައްކަތް ކުރާ ބައެއް" ކަމަށެވެ. އެ ޑޮކްޓަރު އެހެން ވިދާޅުވީ، ނަޝީދާ ގުޅޭ ގޮތުން ސޯޝަލްމީޑިއާގައި އެ އަނިޔާތަކަކީ ޖޯކަކަށް ހަދައިގެން، އެކި ފަރާތްތަކުން ދައްކާ ވާހަކަތައް ސާފުކުރަން އަހަރެން މަސައްކަތް ކުރުމުން، އެކަން ސާފުކޮށް ވިދާޅުވެދެއްވަމުންނެވެ. އާންމު ކުރި ފޮޓޯތަކުގެ އަސްލު ވިދާޅުވެ ދެއްވަމުން ނަޝީދަށް ފަރުވާ ކުރެއްވި ޑޮކްޓަރަކު ވިދާޅުވީ، އެ ފޮޓޯތަކުން ނަޝީދުގެ މޫނުފުޅު އުނިކޮށްފައި ހުއްޓަސް އެއީ ނަޝީދު ކަމަށެވެ. އަދި އެކަން އެ ޑޮކްޓަރުންނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ނަޝީދަށް ލިބިވަޑައިގެންފައި ހުރި އަނިޔާ

ރައީސް ނަޝީދު އޭޑީކޭއަށް ގެންދިޔަ އިރު ވާނީ ހަމަލާ ދިންތާ 10 ވަރަކަށް މިނެޓެވެ. އަވަސް ފަރުވާ ފަށާ އޭޑީކޭގެ ޓީމުން ދިޔައީ ރެއާދުވާލު ހޭލާ ތިބެގެން ނަޝީދުގެ ފުރާނަ ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންފައި ހުރި ޒަހަމްތަކުގެ ފުންކަމާއި، ހަށިކޮޅުގެ ތެރެއަށް ވަދެފައި ހުރި ރޭޒާފުއްތައް އަވަސް އެހެނަސް ފަރުވާތެރިކަމާއެކު ނުނެގުނު ނަމަ، ނަޝީދުގެ ފުރާނަ ސަލާމަތް ނުވުން ކައިރި ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އެހާވެސް ހައްސާސް ވަގުތުކޮޅެއް ހިނގަމުން ދިޔަ އިރު، އައިޖީއެމްއެޗްގެ ކާޑިއޮލޮޖިސްޓެއްގެ ވެސް އެހީއާއެކު، އޭޑީކޭގައި ތިއްބެވި އެކި ދާއިރާތަކުގެ ސްޕެޝަލައިޒްޑް ޑޮކްޓަރުންގެ ކުޅަދާނަ ކަމުން އެ އޮޕަރޭޝަން ކާމިޔާބު ކުރެވުނު ކަމީ ﷲ ގެ ރަހުމަތްފުޅު ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ފަރުވާއަށް ފަހު ނަޝީދުގެ ރިކަވަރީ ދިޔަ ގޮތާ ބެހޭ ގޮތުން ޑޮކްޓަރުން ވިދާޅުވީ، ރިކަވަރީ އާއެކު ނަޝީދުގެ ހިތްވަރުފުޅުވެސް ގަދަ ކަމަށެވެ.

ނަޝީދު އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ވަޑައިގަންނަވަން ފްލައިޓަށް އަރާވަޑައިގެންނެވީވެސް ގިނިކަންޏާ ސިޑިންޏެވެ. އަރިހުގައި ތިބި ސެކިއުރިޓީގެ އެހީތެރިކަން އޮތް ނަމަވެސް ނަޝީދު ސިޑިން އެރުއްވީ ގިނިކަންޏާއެވެ.