މި މަހު 6 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ވަރުގަދަ ހަމަލާ އާ ގުޅިގެން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އަނިޔާތައް ފެންނަ ފޮޓޯތަކެއް އާންމު ކޮށްފިއެވެ.
ޓްވިޓާގައި އެ ފޮޓޯތައް އާންމު ކުރައްވަމުން ރައީސް ނަޝީދުގެ އެއްބަނޑު އެއްބަފާ ބޭބެ ޑރ. އިބްރާހީމް ނާޝިދު ވިދާޅުވީ އާންމު ކުރެއްވި ފޮޓޯތަކަކީ ޖަރުމަން ހޮސްޕިޓަލުގައި ފަރުވާ ފެށުމުގެ ކުރިން އެމަނިކުފާނު އޮތް ހާލުކޮޅު ކަމަށެވެ. އަދި އެއީ ރައީސް ނަޝީދުގެ އެދިވަޑައިގަތުމަށް ހިއްސާ ކުރެއްވި ފޮޓޯތަކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް އެމަނިކުފާނު ޖަރުމަނަށް ފުރާވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހެވެ.
ނަޝީދު އަވަހާރަ ކޮށްލަން މިމަހުގެ 6 ވީ ބުރާސްފަތި ދުވަހުގެ ރޭ 8:27 ގައި ދިން ވަރުގަދަ ހަމަލާ އާ ގުޅިގެން އެމަނިކުފާނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.
ސައިކަލެއްގައި ހަރުކޮށްފައި ހުރި ބޮމެއް ގޮއްވާލާ ދިން އެ ހަމަލާގައި ބޮން ގޮވުމާއެކު ބޮމުގެ ތެރޭގައި ހުރި ރޭޒާފުއްތަކާއި ދަގަނޑުކޮޅުތަކެއް ވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ އެތަން މިތަނަށް ވަދެ ޒަހަމްވެވަޑައިގެންފައެވެ.
އެހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ފަރުވާ ދިން އޭޑީޚޭގެ ޑޮކްޓަރުން ބުނީ ނަޝީދުގެ މޭފުޅާ ދިމާއަށް ވަދެފައި ހުރި ރޭޒާފުއް ވަދެފައި ހުރީ ފުއްޕާމޭ ފޫއަޅާފައި ކަމަށާއި، މެއަށް ނުވަދެ ހުރީ ކަށިގަނޑެއްގައި ޖެހުމުން ކަމަށެވެ. އަދި އެ ކަށިގަނޑު ވަނީ ފުނޑިފައި ކަމަށާއި އެ ކަށިގަނޑުން 1 ސެންޓިމީޓަރު ތިރިއަށް ރޭޒާފުއް ޖެހުނު ނަމަވެސް ހިތުގެ ތެރެއަށް ވަންނާނެ ކަމަށް އޭޑީކޭން ބުންޏެވެ.
ނަޝީދުއަށް ލިބިވަޑައިގެންފައިވާ އިތުރު އަނިޔާތަކުގެ ތެރޭގައި ފަލަ ގޮހޮރުގެ 2 ތަނަކުން ލޯވަޅު އެޅިފައިވާ ކަމަށާއި، އަދި މައިދާވެސް ފޫއަޅާފައި ވާކަމަށް ޑރ. ވިދާޅުވިއެވެ. މީގެ އިތުރުން ރޭޒާ ފުއް ވާއަތުގެ އުޅަނބޮށި ހުޅާއި އަދި ވާއަތު ފައިގެ ކަކުލު ހުޅާ ދިމާލަށް ވަނީ ވަދެފައެވެ. އޭގެ އިތުރުން ހަށިގަނޑުގެ 8 ދިމާއަކަށް ރޭޒާފުއް ވަދެ ޒަހަމްވެފައި ވާކަމަށް ޑޮކްޓަރުން ވަނީ ހާމަކުރައްވާފައެވެ.
ރައީސް ނަޝީދަށް ދިން އެ ހަމަލާއާ ގުޅުން ހުރި ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ އިރު 3 މީހަކު މިހާރު ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ. ހައްޔަރު ކުރި 3 މީހުންގެ ވަނަވަރާއި ފޮޓޯވެސް ވަނީ އާންމު ކޮށްފައެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި 3 މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އ އާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އ އާއި ބޮން ގޮއްވާލި މޭސްތިރިޔާ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދުހަމް 25 އ ކަމަށެވެ.